އަބްދުﷲ ރިޔާޒް

ރިޔާޒު ހުށަހެޅުއްވި ޕެންޝަނުގެ މައްސަލަ ބޭރުކޮށްލައިފި

May 18, 2022
1

ޕެންޝަން ގާނޫނުން ކަށަވަރު ކޮށްދީފައިވާ ހައްގުތައް އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް ގޮވާލައި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި އެެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މައްސަލަ ހުށަހަޅުއްވަމުން ރިޔާޒު ވިދާޅުވީ ޕެންޝަން ގާނޫނުގައި ކަށަވަރުކޮށްދީފައިވާ ހައްގުތައް ޕެންޝަން ފަންޑުގެ ބައިވެރިންނަށް އެދެވޭ ގޮތެއްގައި ލިބެމުން ނުދާ ކަމަށެވެ.

ރިޔާޒު ވިދާޅުވީ ޕެންޝަން ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހަށް ފަހު ޕެންޝަން ފަންޑުން އަސާސީ ޕެންޝަނުގެ ގޮތުގައި ކޮންމެ މަހަކު 5،000 ރުފިޔާ ލިބެންޖެހޭ މީހުންނަށް އެގޮތަށް އެ ފައިސާ ނުލިބޭ ކަމަށެވެ.

"އެހެނީ ރިޓަޔާމަންޓް ޕެންޝަނުން މީހަކަށް ޖުމްލަ ގޮތެއްގައި ޖެހޭ އަދަދަކީ މިސާލެއްގެ ގޮތުން 3،000 ރުފިޔާނަމަ އުމުރުން ދުވަސްވީ މީހުންގެ ޕެންޝަންގެ 5،000 ރުފިޔާގެ ތެރެއިން 3،000 ރުފިޔާ އުނިކޮށް 2،000 ރުފިޔާ އާއި ރިޓަޔަމަންޓްގެ ގޮތުގައި ލިބޭ 3،000 ރުފިޔާއާއެކު މުޅި ޖުމްލަ އެ ފަރާތަކަށް ލިބިގެން ދަނީ 5،000 ރުފިޔާ. ޝައްކެއް ވެސް ނެތް ގޮތުގައި މިއީ އިންސާފުވެރި ގޮތެއް ނޫން،" މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ރިޓަޔާމަންޓް ޕެންޝަނާއި އުމުރުން ދުވަސްވީ މީހުންނަށް ދޭ 5،000 ރުފިޔާގެ އިނާޔަތަކީ މުޅިން ދެ އެއްޗެއް ކަމަށެވެ. އެހެން ކަމުން އެ ދެ ސްކީމުގެ ދަށުން ފައިސާ ލިބެންޖެހޭ ގޮތަށް ފައިސާ ނުލިބުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމުގައި ވިދާޅުވި އެވެ. އަދި ދައުލަތުގެ ބަޖެޓަށް ބާރު ބޮޑުވުމަކީ އެއްވެސް މީހެއްގެ ހައްގަށް އުނިކަން އަންނަންޖެހޭ ސަބަބެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ރިޔާޒު ހުށަހެޅުއްވި މައްސަލައިގައި ވަނީ ގާނޫނު އަލުން އިސްލާހުކޮށް ޕެންޝަންގެ ހައްގުވެރިންނަށް އެ މީހުންގެ ހައްގު ދިނުމަށްވެސް ގޮވާލައްވާފަ އެވެ.

މިމައްސަލަ ހުށަހެޅުއްވީ ރިޔާޒު ނިސްބަތްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ކަމާ ގުޅޭ ދިރާސާއެެއް ހެދުމަށްފަހު ކަމުގައިވެސް ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ހުށަހެޅުއްވި ޕެންޝަނާ ގުޅޭ މައްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން އެ މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ވޯޓު ދެއްވީ ފަސް މެންބަރުންނެވެ. މައްސަލަ ބޭރުކޮށްލީ 19 މެންބަރުންގެ ވޯޓާ އެކު އެވެ.