އަބްދުﷲ ރިޔާޒް

ޕެންޝަންގެ ހައްގު ފުރިހަމަ ގޮތުގައި ދިނުމަށް ގޮވާލާ މަޖިލީހަށް މައްސަލަ ހުށައަޅައިފި

ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ޕެންޝަންގެ ހައްގުވެރިންނަށް ލިބެމުން ނުދާތީ އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނާއިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މައްސަލައެއް ހުށައަޅުއްވައިފި އެވެ.

ރިޔާޒު ހުށައެޅުއްވި މައްސަލާގައި ބުނެފައިވަަނީ އެމްއެންޕީގެ ފަރާތުން ޕެންޝަނާ ބެހޭ ގާނޫނާ ގުޅޭގޮތުން ކުރި ދިރާސާއަކުން މި ގާނޫނު ވުޖޫދުވެ ތަންފީޒު ކުރަން ފެށިފަހުން މިއަދާ ހަމައަށްވެސް ގާނޫނުގެ މަގުސަދުތަކާއި ލާޒިމުކޮށްފައިވާ ޒިންމާތަކާއި ގާނޫނުން އަންގާފައިވާ ކަންކަން އެންމެ އެދެވޭ ގޮތުގައި ޕެންޝަންގެ ހައްގުވެރިންނަށް ލިބެމުން ނުދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން "އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން" އެދެވޭ ގޮތެއްގައި ތަންފީޒު ކުރެވެމުންދާކަން ނުވަތަ ނޫންކަން އަދި "ރިޓަޔަމަންޓް ޕެންޝަން ސްކީމް" އެދެވޭ ގޮތެއްގައި ތަންފީޒު ކުރެވެމުންދާކަން ނުވަތަ ނޫންކަން އެ ޕާޓީގެ ދިރާސާގައި ބަލާފައިވާ ކަމަށެވެެ.

އެ ދިރާސާއިން ފާހަގަ ކުރެވުނު ގޮތުގައި ޕެންޝަނާ ބެހޭ ގާނޫނަށް ފަހުން ގެނައި އިސްލާހުތަކުގެ ނަތީޖާއެއްގެ ގޮތުން ޕެންޝަންގެ ގޮތުގައި ލިބެންޖެހޭ 5،000 ރުފިޔާ ޕެންޝަންގެ ހައްގުވެރިންނަށް ފުރިހަމައަށް ލިބުމަށް ހުރަސް އެޅިފައިވާ ކަމަށެވެ.

"އެހެނީ ރިޓަޔަމަންޓް ޕެންޝަނުން މީހަކަށް ޖުމްލަ ގޮތެއްގައި ޖެހޭ އަދަދަކީ މިސާލެއްގެ ގޮތުން 3،000 ރުފިޔާނަމަ އުމުރުން ދުވަސްވީ މީހުންގެ ޕެންޝަންގެ 5،000 ރުފިޔާގެ ތެރެއިން 3،000 ރުފިޔާ އުނިކޮށް 2،000 ރުފިޔާ އާއި ރިޓަޔަމަންޓްގެ ގޮތުގައި ލިބޭ 3،000 ރުފިޔާއާއެކު މުޅި ޖުމްލަ އެ ފަރާތަކަށް ލިބިގެން ދަނީ 5،000 ރުފިޔާއެވެ. ޝައްކެއްވެސް ނެތް ގޮތުގައި މިއީ އިންސާފުވެރި ގޮތެއް ނޫނެވެ. ސަބަބަކީ ރިޓަޔަމަންޓް ސްކީމާއި އުމުރުން ދުވަސްވުމުން ދޭ އިނާޔަތަކީ މުޅިން ތަފާތު ދެ ސްކީމަކަށް ވެފައި ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވުމަކީ އެއްވެސް މީހެއްގެ ހައްގަށް އުނިކަމެއް އަންނަން ޖެހޭ އުޒުރެއް ނޫން ކަމަށްވުމެވެ،"

ރިޔާޒު ހުށައެޅުއްވި މައްސަލާގައި ވަނީ ގާނޫނު ބައްޓަން ކުރެވުފައިވާ ގޮތާއި މި ސްކީމްތަކަސް ގެނެސްފައިވާ އިސްލާހުތަކުގެ ނަތީޖާއަކީ އަހަރުތަކަކަށް ފަހު ވަޒީފާ އަދާކޮށް ރިޓަޔަވެފައިވާ މީހުންނާއި ވަޒީފާއަދާނުކޮށް އުމުރުން ދުވަސްވުމުން ޕެންޝަން ލިބޭ މީހުންނަށް ލިބޭ މާލީ މަންފާގައި މާބޮޑު ތަފާތެއް ނެތުން ކަމަށް ފާހަގަކުރައްވާފައެވެ.

އެހެން ކަމުން ޕެންޝަނާ ބެހޭ ގާނޫނު އަލުން މުރާޖައާކޮށް ގައުމަށް އެތައް ހިދުމަތްތަކެއް ކޮށްދީފައިވާ މީހުންގެ ހައްގުތަކަށް އެއްވެެސް އުނިކަމެއް ނާންނާނެ ގޮތެއްގެ މަތީން ޕެންޝަން ދިނުމުގައި އަމަލު ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.