އަބްދުﷲ ރިޔާޒް

ފުލުސް އިހުމާލުވި މައްސަލަ މަޖިލީހަށް، ފިޔަވަޅު އަޅައިދީ: އެމްއެންޕީ

ބައިނަލް އަގްވަމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ހިނގައިގެން މިދިޔަ ހަމަނުޖެހުމުގެ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ މެދުވެރިކޮށް ބަލައި ސަރުކާރު ޖަވާބުދާރީ ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އެދި އެ މައްސަލަ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ކޮމެޓީއަށް ހުށައަޅައިފި އެވެ.

އެ ޕާޓީގެ ފަރާތުން މި މައްސަލަ 241 ކޮމެޓީއަށް ހުށައެޅުއްވީ ޕާޓީގެ ނާއިބު ލީޑަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އެވެ. އެ މައްސަލާގައި ބުނެފައި މި މަހުގެ 21 ވަނަ ދުވަބު ގަލޮޅު ދަނޑުގައި ފާހަގަކުރި ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަރަކާތް ހުއްޓުވުމުގެ ގޮތުން އެތަނަށް ބަޔަކު މީހުން ވަދެ ހިންގި ހަމަނުޖެހުމަކީ ރާއްޖޭގެ ނަން ދުނިޔޭގެ ކުރިމަތީގައި ކިލަނބުވެގެން ދިޔަ ކަމެއް ކަމަށެވެ. އަދި އެތަނަށް ރައްޔިތުންގެ ތެރެއިން ޔޯގާއާ ދެކޮޅު ބަޔަކަށް ވަދެވި އެ ހަމަނުޖެހުން ހިންގުމަށް ފުރުސަތު ލިބިގެން ދިޔައީ އެކަމަށް ޒިންމާވާންޖެހޭ ސަރުކާރުގެ އިދާރާތަކުން ޒިންމާ އަދާކޮށްފައި ނުވާތީކަން ޖޫން 27 ގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ބޭއްވި ނޫސްކޮންފެރަންސްގައި އެ މުއައްސަސާއިން އެއްބަސްވެފައިވާ ކަމަށެވެ.

"... ގައުމީ މިފަދަ މަސްއޫލިއްޔަތު އުފުލަން ޖެހޭ މުއައްސަސާއަކުން ހަމައެކަނި ޒިންމާއަދާކުރުމަށް 'ފެއިލް' ވި ކަމަށް އެއްބަސްވުމަކީ އެހާ ހިސާބުން އެކަން ނިންމާލައިގެން ތިބެވޭނެ ކަމެއް ނޫނެވެ. ސަބަބަކީ އޭގެ ފަހަތުން ހިނގި ކަންކަމުގައި އަދިވެސް ރައްޔިތުންގެ ތެރެއިން ބަޔަކު ކުށްވެރިވެ މިހާރު ވެސް ޖަލުގައި ހައްޔަރު ކޮށްފައި ވުމެވެ. މީގެ އިތުރުންވެސް ޔޯގާ ހަރަކާތާއި ގުޅިގެން ރައްޔިތުންގެ ގިނަ ކަންބޮޑުވުންތައް ހުރިކަމަށް މި ޕާޓީއިން ދެކެމެވެ،"

ރިޔާޒު ހުށައެޅުއްވި ހުށައެޅި ވަނީ އެ ޕާޓީން ސާފުކުރަން ބޭނުންވާ މުހިންމު ކަންކަން ވަރަށް ތަފްސީލުކޮށް ހިއްސާ ކޮށްފައެވެ.

އެގޮތުން ބައިނަލްއަގްވާމީ ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަ ކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ރައްޔިތުންގެ ތެރެއިން ބަޔަކު މި ދުވަސް ފާހަގަކުރުމާ ދެކޮޅަށް އަޑުއުފުލަމުން ދިޔަ ހާލަތެއްގައި ސަރުކާރުން ރަސްމީ ސިފައެއްގައި މިއަދާ ހަމައަށްވެސް ދީނީ ނަޒަރިއްޔާއަކުން ޔޯގާ އާބެހޭ ގޮތުން ބަހެއް ބުނެފައި ނުވާތީ މީގެ ސަބަބުން ރައްޔިތުންގެ މެދުގައި ފިތުނަވެރިކަމެއް އުފެއްދުމަށް ޖާގަ ލިބޭ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

"... ޔޯގާ ދުވަސް ބޭއްވުމަށް ނިންމާ ޖޫން 21، 2022 ގައި އެހަފްލާ އިންތިޒާމް ކުރުމުގެ ސަބަބުން ބޮޑެތި ހަމަނުޖެހުން ގައުމުގައި އުފަންވަމުން އައިސް ރައްޔިތުންގެ ތެރެއިން ބަޔަކު މީހުން ގާނޫނީ ގޮޅިތަކަށް ފެތިގެން ގޮސް ރައްޔިތުންގެ ދީނާ އެއްބައިވަންތަ ކަމަށް ބުރޫ އަރާ ހިސާބަށް ކަންކަން ދިޔައިރުވެސް ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިހުން މި މައްސަލައާ ގުޅޭގޮތުން އެއްވެސް ބަހެއް ބުނެފައެއް ނެތެވެ. އަދި މި ޕާޓީއަށް އެނގިފައިވާ ގޮތުން އެ މަޖިލީހުގެ ރައީސް ފިޔަވައި އެހެން މެމްބަރުން ސަރުކާރުން އަދި ވަނީ އައްޔަނު ނުކޮށެވެ. މިއީ ދައުލަތް ހިނގަންވާ ގޮތެއް ނޫނެވެ. އެހެން ކަމުން، މިހެން ދިމާވި ގޮތް ބަލާ، ކުރިއަށް އޮތް ތަނުގައި މިހެން ކަންކަން ނުހިނގާނެ ގޮތަށް ސަރުކާރުގެ ކަންކަން ބައްޓަންވުމަކީ ގައުމީ އެއްބައިވަންތަ ކަމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވާތީ މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް މި ޕާޓީއިން ހުށަހަޅަމެވެ،"

އަދި ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަ ކުރުމަށް ނިންމުމާއި ގުޅިގެން ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގެއްލިގެން ގޮސްދާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ފާހަގަވެ ދިވެހި ފުލުހަށް އެންގުމުންވެސް ޔޯގާ ދުވަސް ފާހަގަކުރުމުގެ ހަރަކާތް ބާއްވާފައިވަނީ އެކަށީގެންވާ ވަރުގެ ސެކިއުރިޓީ ޕްލޭނެއް ނެތިކަން ފާހަގަކޮށް ފުލުހުންނަށް ޔޯގާ ދުވަހުގެ ހަރަކާތް ބާއްވާކަން އެނގުމުން އެ މުއައްސަސާއިން އަމަލު ކުރި ގޮތުގެ ޓައިމްލައިނެއް ހަދާ ފުލުހުން ފެއިލްވި ސަބަބު ހޯދުމަކީ ރައްޔިތުންގެ މަޖިލީހުންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ޔޯގާ ހަރަކާތް ހުއްޓުވަން އަންގާފައި ވަނިކޮށް އެކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ނުކޮށް ހަމައެކަނި އެކަމަށް ހުރަސްއެޅި މީހުންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަކީ އިންސާފުވެރި ގޮތެއް ކަމާމެދު ވަނީ ސުވާލު އުފައްދާފައެވެ.

އެހެން ކަމުން ގާ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ހިނގައިގެން މިދިޔަ ހަމަނުޖެހުމުގެ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ މެދުވެރިކޮށް ބަލައި ސަރުކާރު ޖަވާބުދާރީ ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވަނީ އެދިފައެވެ.