ދުނިޔެ

ތުރުކީ އާއެކު ތިބުމަށް ނޭޓޯ ގައުމުތަކުގެ ދިދަތައް ބައިދަނޑިއަށް

ބެލްޖިއަމްގެ ވެރިރަށް ބުރުސެލްސްގައި ހުންނަ ނޭޓޯ ހެޑްކުއާޓަރުގައި ނަގާފައި ހުރި މެމްބަރު ގައުމުތަކުގެ ދިދަތައް ބައިދަނޑިއަށް ތިރިކޮށް ތުރުކީއަށް މެދުވެރިވެފައި އޮތް ހިތާމާގައި ގައުމުތަކުން ބައިވެރިވެއްޖެ އެވެ.

ތުރުކީގެ ދެކުނު ބޯޑަރުގައި ސީރިއާއާ ގުޅޭ ސަރަހައްދަށް ހޯމަދުވަހު އައި ފަނާކުރަނިވި ބިންހެލުމުގައި ތުރުކީއަށް ލިބިފައި ހުރި ގެއްލުންތައް ހިސާބުޖަހައި އަދަދުކުރަން ނަގާނެ މުއްދަތެއް ވެސް އަދި ނޭނގެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 5،894 އަށް ވަނީ އަރާފަ އެވެ. އދ. އިން އަންދާޒާކުރާ ގޮތުގައި މި ހާދިސާއާ ގުޅިގެން މަރުވާ މީހުން 20 ހާހަށް ވުރެ އިތުރުވުމަކީ އޮތް ފުރުސަތެކެވެ.

ނޭޓޯއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ތުރުކީއަށް މެދުވެރިވެފައި އޮތް ހާލަތަކީ ހަމައެކަނި ތުރުކީން އުފުލަން އޮތް ބުރައަކަށް ވެގެން ނުވާނެ ކަމަށެވެ. ނޭޓޯގެ މެމްބަރެއްގެ ހައިސިއްޔަތުން ތުރުކީއަށް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް ވެސް އެ ޖަމާއަތުން ބުނެ އެވެ.

ތުރުކީއައަށް އައި ބިންހެލުމާ ބެހޭ ގޮތުން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓަންބާގް ވިދާޅުވި ހަނގުރާމައިގެ ހާލަތްތަކާއި ކާރިސާތަކުގެ ހާލަތްތަކުގައި ވެސް މެމްބަރު ގައުމުތަކުން -- މެމްބަރު އަނެއް ގައުމަށް އެހީތެރިވެދޭނެ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ތުރުކީއަށް އެހިތެރިކަން ފޯރުކޮށްދިނުމަށް ޓީމްތައް މިހާރު ވަނީ ފުރާފައި ކަމަށެވެ.

ހޯމަދުވަހުގެ ހެނދުނުގެ ވަގުތެއްގައި ތުރުކީއަށް އައި ރިކްޓާ މިންގަނޑުން 7.7 ބާރުމިނުގެ ބިންހެލުމަކީ އާންމު ގޮތެއްގައި ދުނިޔެ ތަޖުރިބާކުރާ އެންމެ ބާރުގަދަ ބިންހެލުންތަކުގެ ތެރެއިން ބިންހެލުމެއް ކަމަށް އިދާރާތަކުން ބުނެ އެވެ.

ތުރުކީއަށް އިންސާނީ އެހީތައް ފޯރުކޮށް ދިނުމުގައި ގައުމުތައް އަވަދިނެތި ހަރަކާތްތެރިވަމުން ދާއިރު -- ބިންހެލުމުގެ އަސަރުކުރި ސަރަހައްދުތަކުގައި ކުއްލި ހާލަތު ވަނީ އިއުލާންކޮށްފަ އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވި ގޮތުގައި ބިންހެލުމުގެ އަސަރުކުރި އަވަށްތަކުގައި ތިން މަސްދުވަސް ވަންދެން ކުއްލި ހާލަތު ދެމިއޮންނާނެ އެވެ.