ތުރުކީ އަކީ ނޭޓޯ މެމްބަރަކަށް ވެފައި އަދި ބްރިކްސް ޖަމާއަތުގައި ބައިވެރިވުމަށް އެދި ތުރުކީން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ކުރިމަތިވެފައި ހުރި ފާޑުކިޔުންތަކަށް ރަޝިއާގެ ޚާރިޖީ ވަޒިރު ސަރުގޭ ލަވްރޯފް ރައްދުދެއްވައިފި އެވެ.
ލަވްރޯފް ވިދާޅުވި ގޮތުގައި ނޭޓޯ މެމްބަރުންނަށް ފުރުސަތު ދިނުން މަނާކުރާ ގާނޫނެއް އަދި އުސޫލެއް ވެސް ބްރިކްސްގައި ނޯންނަ ކަމަށެވެ.
ލަވްރޯފް ވިދާޅުވި ގޮތުގައި ބްރިކްސް އަކީ ކޮންމެ ގައުމަކަށް އަދި ކޮންމެ ޖަމާއަތަކަށް ވެސް އޮތް ފުރުސަތެކެވެ. ބްރިކްސްއާ މުއާމަލާތް ނުކުރެވެނެ އެއްވެސް ބަޔަކު ދުނިޔޭގެ ނޫޅޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
ބްރިކްސްގެ ފުރިހަމަ މެމްވަރު ގައުމަށް ވުމަށް އެދި ތުރުކީ ވަނީ ރަސްމީކޮށް ހުށަހަޅާފަ އެވެ. ތުރުކީއަށް ބްރިކްސްގައި އޮތް ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާކުރެވެވުންދާ ކަމަށް ރަޝިއާއިން ވެސް ވަނީ ބުނެފަ އެވެ.
ބްރިކްސްގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގައި ބައިވެރިވުމަށް ވެސް ތުރުކީން ވަނީ އެދިފަ އެވެ. ނަމަވެސް، ކޮންމެވެސް ކަހަލަ އުޒުރެއް ދައްކައި ތުރުކީގެ ފޯމުތައް އަދިވެސް ހުރީ ހިފަހައްޓާފަ އެވެ.
ޔޫރަޕިއަން ޔޫނިއަންގެ މެމްބަރުކަން ހޯދަން ތުރުކީން އެންމެ ފުރަތަމަ ހުށަހެޅީ 1987 ގައެވެ. އޭގެ 12 އަހަރު ފަހުން ތުރުކީގެ ކެންޑިޑޭޓްކަން ގަބޫލުކުރި އެވެ. އަދި އެއަށް ފަހު 2018 ގައި އެޕްލިކޭޝަން ފޯމް ކުރިއަށް ނުގެންދާ ގޮތަށް ނިންމައި ޔޫރަޕިއަން ޔޫނިއަނުން އެ ފޯމު ކެންސަލްކުރި އެވެ.
އެއަށް ފަހުވެސް ޔޫރަޕިއަން ޔޫނިއަންގައި ބައިވެރިވުމަށް ތުރުކީ އެތައް ފަހަރަކު ވަނީ މަސައްކަތްކޮށްފަ އެވެ. މި މަސައްކަތުގައި 36 އަހަރު ފާއިތުވެ ދިޔައިރު ވެސް ތުރުކީއަށް އަދިވެސް ޔޫރަޕިއަން ޔޫނިއަންގެ މެމްބަރުކަން ނުދެ އެވެ.
މިކަމާ ހިތްހަމަޖެހިފަޑައި ނުގެން ތުރުކީގެ ރައީސް ވަނީ ޔޫރަޕިއަން ޔޫނިއަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ޔޫރަޕިއަން ޔޫނިއަނުން ކަމެއް ކޮށްދޭނެ ކަމަށް ތުރުކީ މިހާރު ނުވިސްނާ ކަމަށެވެ.
ލަވްރޯފް ވިދާޅުވި ގޮތުގައި ބްރިކްސް އަކީ ޔޫރަޕިއަން ޔޫނިއަން ކަހަލަ ބައިގަނޑެއް ނޫނެވެ. މަޝްވަރާގެ އުސޫލުން ހުރިހާ ކަމެއް ކުރުމަށް ބްރިކްސް އޮތީ ހުޅުވިފައި ކަމަށް ވަޒީރު ވިދާޅުވި އެވެ.
އަދި ތުރުކީއަށް ފުރިހަމަ މެމްބަރުކަން ދިނުމަށް -- ކުރިއަށް އޮތް ބްރިކްސްގައި އަހަރީ ސަމިޓްތައި ނިންމާނެ ކަމަށް ލަވްރޯފް ވިދާޅުވި އެވެ.