ދުނިޔެ

ތުރުކީ ބްރިކްސްގައި ބައިވެރިވަނީ، ފޯމު ހުށަހަޅައިފި

ތުރުކީ ރަސްމީކޮށް ބްރިކްސް ޖަމާއަތުގައި ބައިވެރިވަނީ އެވެ. ބްލޫމްބާގުން ބުނާ ގޮތުން ތުރުކީން ވަނީ އެ ކަމަށް ބޭނުންވާ ހުރިހާ ފޯމެއް ފުރައި، ރަޝިއާއާ ހަވާލުކޮށްފަ އެވެ.

ބްރިކްސްގައި ބައިވެރިވުމަށް ތުރުކީން ޝައުގުވެރިވާކަން ފާޅުކުރީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އަދި ސަރުކާރުގެ ކަމާ ބެހޭ މުއްސަސާތަކާ އެކު މަޝްވަރާކުރުމަށް ފަހު ގޮތެއް ނިންމާނެ ކަމަށް ވެސް އޮތީ ބުނެފަ އެވެ.

މިކަމާ ބެހޭ މައުލޫމާތު ލިބިފައި ތިބި މީހުން ބްލޫމްބާގަށް ބުނި ގޮތުން ތުރުކީން ވަނީ ބްރިކްސްގައި ބައިވެރިވުމާ ބެހޭ ގޮތުން ކެބިނެޓްގައި ވެސް މަޝްވަރާކޮށްފަ އެވެ.

ތުރުކީ ދެކޭ ގޮތުގައި ބްރިކްސް އަކީ ނުފޫޒުގަދަ ޖަމާއަތަށް ވާނެ އެވެ. އޭގެ ކޮޅުމަތި މިހާރު ފެންނަ ކަމަށް ވެސް ބުންޏެވެ. އަދި ބްރިކްސްގެ ސަބަބުން ބައިނަލްއަގްވާމީ މާހައުލުގައި ތުރުކީއަށް ހައިސިއްޔަތުތައް ތަނަވަސް ވާނެ ކަމަށް ވެސް އެ ގައުމުން ބުންޏެވެ.

މާލީ ގޮތުން ހުޅަނގަށް ބަރޯސާކުރުން ކުޑަކޮށް -- ހުޅަނގާ ދުރު ގައުމުތަކާ އެކު މާލީ ސައްލާތަކުގައި ބައިވެރިވުމަކީ ތުރުކީއަށް ލިބޭ އިގުތިސާދީ ފަހި ފުރުސަތަކަށް ވާނެ ކަމަށްވެސް ތުރުކީ ދެކެ އެވެ.

ބްރިކްސްގެ ނަން ނަގާފައި ވަނީ ފައުންޑަރު ގައުމުތަކުގެ ފުރަތަމަ އަކުރުންނެވެ. އެއީ ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ސައުތު އެފްރިކާ އެވެ.

ބްރިކްސް އުފެއްދީ 2009 ވަނަ އަހަރު އެވެ. މިއީ އިގުތިސާދީ ގޮތުން އެއްބާރުލައި މާލީ ތަނަސްކަން ހޯދުމަށް ފުރުސަތު ފަހިކޮށްދޭ ޖަމާއަތެކެވެ. މި ޖަމާއަތުގައި މިސްރާއި އީރާން، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ސައޫދީ އަރަބިއްޔާ އަދި އިތިއޮޕިއާ ވެސް ހިމެނެ އެވެ.

ރަޝިއާ ބުނާ ގޮތުން ބްރިކްސްގައި ބައިވެރިވުމަށް ޔޫރަޕްގެ ބައެއް ގައުމުތަކުން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.