ދުނިޔެ

ތުރުކީގައި އިތުރު ނިއުކްލިއާ އިންޖީނުގެއެއް އަޅައިދޭން ރަޝިއާ ތައްޔާރު: ރަޝިއާ

ތުރުކީއާ އެކު ކުރި މަސައްކަތްތަކުން ވަރަށް ރަނގަޅު ތަޖުރިބާތަކެއް ރަޝިއާގެ ސްޓޭޓް ނިއުކްލިއާ އެނާޖީ ކޯޕޮރޭޝަން (ރޮސަޓޮމް)އަށް ހާސިލްކުރެވިފައިވާ ކަމަށް ރަޝިއާގެ ހާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް ވިދާޅުވެއްޖެ އެވެ.

ލަވްރޯފް ވިދާޅުވި ގޮތުގައި ތުރުކީގައި އިތުރު ނިއުކްލިއާ އިންޖީނުގެއެއް އަޅައިދިނުމަކީ ރަޝިއާއަށް ލިބޭ ވަރަށް ބޮޑު ކާމިޔާބަކަށް ވާނެ ކަމަށެވެ. ތުރުކީން ވިސްނާފައި އޮތް ގޮތަށް ދެވަނަ އިންޖީނުގެއް ބިނާކުރަން ރަޝިއާއާ ހަވާލުކުރާނެ ކަމުގެ އުއްމީދު އޮތް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ލަވްރޯވް ދެކެވަޑައިގަންނަވާ ގޮތުގައި ތުރުކީގައި ދެވަނަ ނިއުކްލިއާ އިންޖީނުގެއެއް ބިނާކުރަން އެންމެ އެކަށީގެންވާ ބަޔަކަށް ވާނީ ވެސް ރަޝިއާ އެވެ. ސަބަބަކީ ވަޒީރު ވިދާޅުވި ގޮތުގައި ތުރުކިއާ އެކު މިފަދަ ޕްރޮޖެކްޓެއްގައި މަސައްކަތްކޮށް ރަޝިއާއަށް ތަޖުރިބާތަކެއްވެސް ލިބިފައި އޮތުމެވެ.

ނަމަވެސް ނިއުކްލިއާ އިންޖީނުގެ ބިނާކުރުމުގެ މަސައްކަތް ހަވާލުކުރާނެ ބަޔަކު ކަނޑައަޅާނީ ތުރުކީ ސަރުކާރުން ކަމަށް ލަވްރޯފް ވިދާލުވި އެވެ. ތުރުކީން ވަކި ގޮތަކަށް ނިންމައިފިނަމަ -- ރަޝިއާއިން އެ ގޮތެއް ބަލައިގަންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

ލަވްރޯފް ވިދާޅުވީ އެމެރިކާއާއި ޔޫރަޕުން ރަޝިއާއަށް ދަތިކުރަން ފިޔަވަޅުތަކެއް އަޅާފައި އޮތް ނަމަވެސް ރަޝިއާގެ އިގުތިސާދު ބަލިކަށިނުވާ ކަމަށެވެ.

ރަޝިއާގެ އިގުތިސާދަށް 3.9 ޕަސެންޓުގެ ކުރިއެރުމެއް މިއަހަރު ލިބޭނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. އަދި ދުނިޔޭގައި ވަޒީފާ ނެތް މީހުންގެ އަދަދު އެންމެ ދަށީ ރަޝިއާގައި ކަމަށްވެސް ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ ރަޝިއާއާ ތުރުކީ ގުޅިގެން ވިޔަފާރިކުރުމަކީ އެމެރިކާ ބޮލުގައި ރިހޭނެ ކަމެއް ކަމަށް ލަވްރޯފް ވިދާޅުވި އެވެ. ދެ ގައުމު ގުޅިގެން ކުރާ މަަސައްކަތްތަކަށް -- ހިންގާ ޕްރޮޖެކްޓްތަކަށް ހުރަސްއެޅޭ ގޮތެއް ހޯދަން އެމެރިކާ ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

ތުރުކީގައި މިހާރު ބިނާކުރަމުންދާ އައްކުޔު ނިއުކްލިއާ އިންޖީނުގެ 2025 ގައި ބޭނުންކުރަން ފަށާނެ ކަމަށް ތުރުކީގެ ހަކަތައާ ބެހޭ ވަޒީރު ބާރަކްތާރު ވިދާޅުވި އެވެ. މިއީ ރޮސަޓޮމްގެ އެހީތެރިކަމާ އެކު ބިނާކުރާ އިންޖީނުގެެއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި އިންޖީނުގެ 2028 ގައި މުޅި ނިންމައި ހިންގަން ފަށާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. އޭރުން ތުރުކީއަށް ބޭނުންވާ ހަކަތަކައިގެ އެއް ޕަސެންޓް މި އިންޖީނުގެއިން އުފައްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތުރުކީގައި ދެވަނައަށް އަޅާ ނިއުކްލިއާ އިންޖީނުގެ ބިނާކުރާ ތަން ކަނޑައަޅައި ސާފުކުރުން ކުރިއަށްދާ ކަމަށް ބާރަކްތާރު ވިދާޅުވި އެވެ. މި ޕްރޮޖެކްޓް އަދި ވަކި ބަޔަކާ ހަވާލުނުކުރި ނަމަވެސް ބިޑުތަކުން ކުރިހޯދާފައި އޮތީ ރޮސަޓޮމް ކަމަށް ވަޒީރު ވިދާޅުވި އެވެ.