ދުނިޔެ

ޒޫމުން ވަޒީފާ މަދުކުރުމަށް 1،300 މުވައްޒަަފުން ދޫކޮށްލަނީ

ދުނިޔޭގެ އިގްތިސާދާ މެދު މާބޮޑު ޔަގީންކަމެއް ނެތް ކަމަށް ބުނެ ޒޫމުން މުވައްޒަފުން މަދުކުރަން ނިންމައިފި އެވެ.

ޒޫމް ވީޑިއޯ ކޮމިއުނިކޭޝަނުން އަންގާރަ ދުވަހު ބުނި ގޮތުގައި އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ 15 ޕަސެންޓް އުނިކުރަން ވަނީ ނިންމާފަ އެވެ. އެއީ ގާތްގަނޑަކަށް 1،300 މުވައްޒަފުންނެވެ.

އެމެރިކާގެ ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ޒޫމް، އާންމުންގެ ތެރެއަށް މަޝްހޫރުވެގެން ދިޔައީ ދުނިޔެއަށް ފެތުރިގަތް ކޮވިޑްގެ ތެރޭގަ އެވެ. ގައުމުތައް ބަންދުކޮށް މީހުން ގޭގައި ތަޅުލެވިފައި ތިބި ދުވަސްވަރު -- ދުރުގައި އުޅޭ ގާތް އެކުވެރިންނާ ގުޅުން ދަމަހައްޓައި ހާލުބެލުމަށް ޒޫމް ވަރަށް ބޮޑު އެހިތެރިކަމެއް ފޯރުކޮށްދިނެވެ.

ބޮޑެތި ކުންފުނިތަކަށް ހެދިފައި ހުރި ބައެއް ގޯސްތައް ޒޫމަށް ވެސް ހެދިފައި ހުރި ކަމަށް ވިދާޅުވެ ސީއީއޯ އެރިކް އެސް ޔުއާން ވިދާޅުވީ މާބޮޑު ވިސްނުމެއް ނެތި މުވައްޒަފުން އިތުރުކުރެވުމަކީ ކުންފުންޏަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ކޮވިޑްގެ ދުވަސްވަރު ފާއިތުވަމުން ދާއިރު އާންމު ދިރިއުޅުމަށް ގައުމުތައް ރުޖޫއަވަމުން އަންނަ ކަމަށްވެސް ސީއީއޯ ވިދާޅުވި އެވެ. އެ އާއެކު ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޒޫމަށް އިންވެސްޓްމަންޓް ބޭނުންވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މުވައްޒަފުން ވަކިކުރުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށްވެސް ސީއީއޯ ވިދާޅުވި އެވެ. އެހެންނަމަވެސް ސީއީއޯ ވިދާޅުވީ ދުނިޔޭ ބާޒާރުގައި އަގުތައް އުފުލި މަސައްކަތްތަކުގެ އަގު މައްޗަށް ޖެހުމަކީ ކުންފުންޏަށް ޕްރެޝަރު ބޮޑު ކަމަކަށް ވާނެ ކަމަށެވެ. ވަޒީފާ މަދުކުރަން ޖެހެނީ ކުންފުނީގެ މުސްތަގުބަލަށް ޓަކައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.