ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ ސުވާލު: އައްޑޫއަށް އަތޮޅުވެރިޔަކު ފޮނުވަނީބާ؟

Feb 8, 2023
1

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދުވަސްކޮޅަކަށް އައްޑޫ ސިޓީއަށް ވަޑައިގަންނަވާތީ އައްޑޫއަށް "އޮތޮޅުވެރިޔަކު" ފޮނުވަނީތޯ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސުވާލު ކުރައްވައިފި އެވެ.

މިސުވާލު ރައީސް ނަޝީދު ކުރައްވާފައިވަނީ އެމަނިކުފާނު ގެންގުޅުއްވާ ނުރަސްމީ ޓްވިޓާ އެކައުންޓް -- އަނެއްދިވެހިރާއްޖެ އެކައުންޓުން ކުރެއްވި ޓްވީޓްގަ އެވެ.

ނަޝީދު މިފަދަ ސުވާލެއް ކުރައްވާފައި މިވަނީ އައްޑޫގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތްތައް ގާތުން ބަލައި، މަސައްކަތް އަވަސްކުރުމުގެ ގޮތުން މިނިސްޓަރު އަސްލަމް ކުޑަ ދުވަސްކޮޅަށް އައްޑުއަށް ބަދަލުވާން ނިންމަވާފައިވާ ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވެފައި ވަނިކޮށެވެ.

މިނިސްޓަރު އަސްލަމް މިއަދު ވިދާޅުވީ އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ ގޮތުން މިހާރު ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ މެދު އައްޑޫ ރައްޔިތުންގެ ހިތްހަމަނުޖެހުންތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. މި މައްސަލަތައް ބަލައި، ހައްލުކޮށް މަޝްރޫއުތައް އަވަސްކުރުމުގެ ގޮތުން އެމަނިކުފާނު އައްޑޫއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމުގައި ވިދާޅުވި އެވެ.

"އެކަންކަން ހައްލު ކުރުމަށްޓަކައި އަޅުގަނޑު ދުވަސްކޮޅަކަށް އައްޑޫގައި ބޭސްވުމަށް އަޅުގަނޑު އައްޑޫ އަށް މޫވް ކުރާނަން،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް އައްޑުއަށް ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު އެވެ. ނަމަވެސް، އައްޑޫގައި ހޭދަކުރައްވާނީ ކިހާ ދުވަހެއް ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.

އައްޑޫގެ މަގުތައް ހަދަން އެއްފަހަރާ ހުރިހާ މަގެއް ކޮނެފައި އޮތުމުން މީހުންނަށް ދިމާވާ ދަތިތަކުގެ އިތުރުންވެސް އެތައް މައްސަލަތަކެއް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ވަގުތު ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުން އައްޑޫގައި ބޮޑު ދެ މަޝްރޫއެއް ކުރިއަށް އެބަދެ އެވެ. އެއީ މަގުތައް ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއު އެވެ.