ތުރުކީ

ތުރުކީގައި ޓްވީޓާ ބޭނުންކުރުން ހަނިކޮށްފި

ތުރުކީގައި ޓްވީޓާ ބޭނުންކުރާ މީހުންނަށް ދަތިތައް ކުރިމަތިވެ ބިންހެލުމާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށާއި މައުލޫމާތު ހިއްސާކުރުމަށް ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ.

އިންޓަނެޓް މޮނީޓާ ކުރާ ގުރޫޕެއް ކަމަށްވާ ނެޓްބްލޮކުން ބުނާ ގޮތުން ތުރުކީގެ ބައެއް ނެޓްވޯކްތަކުގައި -- އިންޓަނެޓްގެ ޚިދުމަތްދޭ ބައެއް ކުންފުނިތަކަށް ޓްވިޓާގެ ޚިދުމަތްދިނުމަށް ވަނީ ހުރަސްއެޅިފަ އެވެ. އޭގެ ތެރޭގައި ޓާކްސެލް އަދި ޓީޓީނެޓް ވެސް ހިމެނެ އެވެ.

ތުރުކީގައި ޓްވީޓާ ބޭނުންކުރުމަށް ދިމާވެފައި އޮތް ހުރަހަކީ ޓްވީޓާގެ މެނޭޖްމަންޓުން ގަސްދުގައި ކޮށްގެން އުޅޭ ކަމެއް ކަމަށް ނެޓްބްލޮކުން ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ތުރުކީގައި ޓްވީޓާ ވަރަށް ފުޅާކޮށް ބޭނުންކުރެވެ އެވެ. އަދި ތުރުކީއަށް މިހާރު ޖެހިފައި އޮތް ހާލަތުގައި ޓްވީޓާ އަކީ ފުރާނަ ސަލާމަތްކުރުމާއި ހާލުގައި ޖެހިފައި ތިބި އެތައް ހާސް ބަޔަކަށް އަސާސީ އެހިތެރިކަން ފޯރުކޮށްދިނުމަށް ގިނަބަޔަކު ބޭނުންކުރާ ވަސީލަތެކެވެ.

އެހެން ނަަމަވެސް، ޓްވީޓާގެ މެނޭޖްމަންޓުން މިކަން މިގޮތަށް ކުރީ ކީއްވެގެން ކަމެއް ނުބުނެ އެވެ. ޚަބަރުތައް ބުނާ ގޮތުން މީގެ ދުވަސްތަކެއް ކުރިން ތުރުކީގެ އިސްތަންބޫލްގައި ބޮންގޮއްވި ހާދިސާއާ ގުޅިގެން ވެސް ޓްވީޓާއިން މިޒާތުގެ ހުރަސްތަކެއް ކުރިމަތިކުރުވި އެވެ.

މިކަމާ ގުޅިގެން ތުރުކީން ވެސް ވަނީ ރަސްމީކޮށް ޓްވިޓާއަށް ޝަކުވާ ހުށަހަޅާފަ އެވެ.

ތުރުކިގެ ޓްރާންސްޕޯޓް އެންޑް އިންފްރަސްޓްރަކްޗާ އިން ޓްވީޓާއަށް ހުށަހެޅި ޝަކުވާގައި މިނިސްޓަރުގެ ނައިބު އުމަރު ފާތިހް ސާޔަން ވަނީ ސައްހަ މައުލޫމާތު ފެތުރުމަށް ބާރުއެޅުމަށް ޓްވީޓާއަށް ހަނދާންކޮށްދެއްވާފަ އެވެ.

އާންމުންގެ މެދުގައި ހާސްކާމާއި ނަފުރަތު އުފެދޭ ގޮތަށް މީހުން ފަތުރާ މައުލޫމާތަށް އެއްބާރުލުން ނުދެއްވުމަށް ވެސް ޓްވިޓާގެ ކިބައިން ވަނީ އެދިވަޑައިގެންފަ އެވެ.

ތުރުކީން މިގެ ކުރިން ވެސް ވަނީ ޒިންމާދާރުކަމާ އެކު މައުލޫމާތު ފެތުރުމަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ތުރުކީގެ ޝަކުވާއާ ގުޅިގެން ޓްވިޓާ އިން ވެސް ވަނީ ތުރުކީން އެދޭ ގޮތަށް ކަންތައްތައް ހަމަޖައްސައިދޭނެ ކަމަށް ބުނެފަ އެވެ.

އެހެން ނަމަވެސް، ތުރުކީގައި ޓްވީޓާ ބޭނުންކުރުމަށް ދަތިތައް ކުރިމަތިވެފައި ވަނީ ކޮން ސަބަބަކާ ހެދި ކަމެއް އެއްވެސް ފަރާތަކުން ސާފެއް އަދި ނުކޮށްދެ އެވެ.