ތުރުކީ-ސީރިއާ ބޯޑަރަށް ހޯމަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް އެމެރިކާ ވެސް އޮތީ ހުށަހަޅާފަ އެވެ.
އެމެރިކާ ބުނާ ގޮތުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ހަރަކާތްތެރިވާ ޖަމާއަތްތަކާ ގުޅިގެން ސީރިއާއަށް އެހީތެރިވާނެ އެވެ.
އެމެރިކާ ބުނާގޮތުން އެއިން އެއްވެސް ކަމަކީ އަސަދުގެ ސަރުކާރަށް ކޮށްދޭ ކަމެއް ނޫނެވެ.
ސީރިއާގައި ހާލުގައި ޖެހިފައި އާންމު ރައްޔިތުންނަށް އެހީތެރިވުމަކީ އަސަދުގެ ސަރުކާރަށް ވާގިވެރިވުން ނޫން ކަމަށްވެސް އެމެރިކާގެ ފޮރިން މިނިސްޓަރު އެންތަނީ ބްލިންކެން ވަނީ ވިދާޅުވެފަ އެވެ.
އެންތަނީ ބްލިންކެން ވިދާޅުވި ގޮތުގައި އަސަދުގެ ސަރުކާރަށް އެއްވެސް ލުޔެއް ދިނުމަކީ އެމެރިކާގެ ވިސްނުމުގައި އޮތް ކަމެއް ނޫނެވެ.
ބިންހެލުމާ ގުޅިގެން ސީރިއާއަށް ބޭނުންވާ ހުރިހާ އެހިތެރިކަމެއް އެމެރިކާއިން ފޯރުކޮށްދިން ނަމަވެސް އަސަދުގެ ސަރުކާރާ މުއާމަލާތް ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމެރިކާއިން ސީރިއާއަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކުގެ ސަބަަބުން އިންސާނީ އެހިތެރިކަން ފޯރުކޮށްދޭން ދަތި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވުނު ވާހަކަތަކަށް ރައްދު ދެއްވަމުން ބްލިންކެން ވިދާޅުވީ އދ.ގެ ގުނަވަންތައް މެދުވެރިކޮށް ސީރިއާއަށް އެހީތެރިވުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ.
ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ތުރުކީގެ އަވަށްތަކަށް ރެސްކިޔު ޓީމްތައް މިހާރު ވެސް ވާނީ ފޮނުވާފައި ކަމަށް ބްލިންކެން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އޮފިޝަލުން މެދުވެރިކޮށް ސީރިއާއަށް އަދި ތުރުކީއަށް އިތުރު އެހީތެރިން ބޭނުންވޭތޯ އެމެރިކާ ބަލާނެ ކަމަށެވެ.
އިންސާނީ އެހިތެރިކަން ފޯރުކޮށް ދިނުމަށް އެމެރިކާއިން ޚަރަދުކޮށްގެން ސީރިއާގައި ހިންގާ ޖަމާއަތްތަކަށް އިތުރު އެހީތައް ފޮނުއްވާނެ ކަމަށްވެސް ބްލިންކެން ވިދާޅުވި އެވެ. މިއީ އެމެރިކާއިން ސިރިއާގައި އަލަށް ކުރާ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ބްލިންކެން ވިދާޅުވީ އެމެރިކާއިން ސީރިއަށް ފޮނުވާ އެހީ ދާ ތަނެއް ބައްލަވާނެ ކަމަށެވެ. އެއީ އާންމުންނަށް ފޮނުވާ އެހީ ކަމަށް ވިދާޅުވެ ބްލިންކެން ވިދާޅުވީ އަސަދުގެ ސަރުކާރަށް ރެވި އޮށްޓަރެއްގެ މިންވަރު ވެސް ދިޔަ ނުދެއްވާނެ ކަމަށެވެ.