ދުނިޔެ

ތުރުކީއަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް - ތިން މަރު، 213 ޒަހަމް

ތުރުކީގެ ދެކުނުގައި އޮންނަ ހަތާއީ ޕްރޮވިންސަށް ހޯމަދުވަހު ހަވީރުގެ ވަގުތެއްގައި އައި ބިންހެލުމެއްގައި ތިން މީހުން މަރުވެ 213 މީހުން ޒަހަމްވެއްޖެ އެވެ.

ތުރުކީގެ ޑިޒާސްޓާ މެނޭޖްމަންޓުން ބުނާ ގޮތުން މި ފަހަރު ޖެހިޖެހިގެ ދެ ބިންހެލުން ވަނީ ތަޖުރިބާކުރެވިފަ އެވެ. އިއްޔެ ފުރަތަމަ އައި ބިންހެލުމުގެ ބާރުމިނަކީ 6.4 އެވެ. ދެވަނަ ބިންހެލުން 5.8 މެގްނިޓިއުޑަށް އެރި ކަމަށް ވަނީ ބުނެފަ އެވެ.

އިންޓީރިއާ މިނިސްޓަރު ސުލައިމާން ސޮއިލޫ ޚަބަރަށް ވިދާޅުވި ގޮތުގައި މަރުވި ތިން މީހުންގެ ތެރޭގައި އަންތަކިޔާ ސަރަހައްދުން މަރުވި މީހަކާއި ސަމާންދާގްއިން މަރުވި މީހަކު އަދި ދޭފްނެއިން މަރުވި މީހަކު ހިމެނެ އެވެ.

ބިންހެލުން އައި ސަރަހައްދު ބަލައި މީހުން ސަލާމަތްކުރުމަށް ޓީމްތައް މަސައްކަތްކުރަމުންދާ ކަމަށް ސުލައިމާން ވިދާޅުވި އެވެ.

ފެބްރުއަރީ ހައެއްގައި ތުރުކީ-ސީރިއާ ބޯޑަރަށް އައި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއްގައި 41،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި 13 މިލިއަން މީހުން ތިބީ ހާލުގައިޖެހިފަ އެވެ.

މި ބިންހެލުމަށް ފަހު އެ ސަރަހައްދުގެ ބިންގަނޑު ދޭތެރެ ދޭތެރެއިން ގުޑައި ތެޅިގަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ސައިންސްވެރިން ބުނާ ގޮތުން އެ ސަރަހައްދުގެ ބިންގަނޑު އަދިވެސް ރަނގަޅަށް ހަމަނުޖެހެ އެވެ.

ސައިންސްވެރިން ބުނާ ގޮތުން މިފަހުން ތުރުކީ ސަރަހައްދަށް އައި ބިންހެލުންތަކުގެ އަސަރު އީރާގާއި ލުބްނާން، މިސްރު އަދި ސޫރިޔާއަށް ވެސް ވަނީ ކޮށްފަ އެވެ. މީގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ތުރުކީއަށެވެ. ދެން ސޫރިޔާއަށެވެ.