ދުނިޔެ

ތުރުކީ-އަރުމީނިއާ ބޯޑަރު 30 އަހަރަށްފަހު ހުޅުވައިފި

ތުރުކީ-އަރުމީނިއާ ބޯޑަރު ބަންދުކޮށްފައި އޮންނަތާ ގާތްގަނޑަކަށް 35 އަހަރަށް ފަހު އަލުން ހުޅުވައިފި އެވެ.

މި ތާރީޚީ ފެށުމުގެ އަސްލަކީ ތުރުކީ-ސީރިއާ ބޯޑަރަށް މިދިޔަ ހަފުތާގެ ހޯމަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި ހާލުގައިޖެހިފައި ތިބި މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އަރުމީނިއާއިން އެހީ ހިފައިގެން ދަތުރުކުރި ފަސް ލޮރީ އިރުމަތީ ތުރުކީގެ އިގްދީރު ޕްރޮވިންސަށް ވަތް މަންޒަރު، އަރުމީނިއާގެ ފޮރިން މިނިސްޓަރުގެ ނައިބު ވަހާން ކޮސްޓަނިޔަން ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ވަނީ ޝެއާކުރައްވާފަ އެވެ.

އަރުމީނިއާގެ މި އިސްނެގުމާ އެކު ތުރުކީ-އަރުމޭނީއާގެ ގުޅުން ރަނގަޅުކުރުމާ ބެހޭ ގޮތުން ދެކެވޭ ވާހަކަަކުގެ އަޑުވަނީ ގަދަވެފަ އެވެ.

އެއްބޯޑަރު ހިއްސާކުރާ ދެ ގައުމުން ރުޅިހަދާފައި ތިބުމަށް ވުރެ ގުޅުން ރަނގަޅުކުރުން މުހިންމު ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ.

ޒަމާންތަކެއް ވަންދެން ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ދެ ގައުމު ގުޅުވާލުމަށް މެދުވެރިވެރިވެފައިވަނީ އިންސާނީ އެހީތެރިކަން ކަމަށާއި، ދެ ގައުމުގެ ގުޅުން ބަދަހިކުރަން ޖެހިފައިވަނީ ވެސް ކުރިއަށް އޮތް އިންސާނީ ޖީލުތަކަށް ކަމަށް ޓްވީޓާގައި ކޮމެންޓްކުރި މީހުން ވަނީ ބުނެފަ އެވެ.

އަރުމީނިއާއަށް 1988 ގައި އައި ބާރުގަދަ ބިންހެލުމުގައި ގެއްލުން ލިބުނު މީހުންނަށް އެހީތެރިވުމަށް ތުރުކީގެ ރެޑް ކްރެސެންޓުން ޖަމާކުރި އެހީ ހިފައިގެން ތުރުކިގެ އުޅަނދުތައް ވެސް ވަނީ މިބޯޑަރު ހުރަށްކޮށް އަރުމީނިއާއަށް ގޮސް އެހީތެރިވެފަ އެވެ.

ތުރުކީ އާއި އަރުމީނިއާއާ ދެމެދުގައި އޮތް ޚިލާފުތައް ތާރީޚީ ސަފްހާތައް ދޫކޮށްލުމަށް ފަހު ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާތައް ވަނީ ފަށާފަ އެވެ. ދެ ގައުމު ގުޅޭ ބޯޑަރު ހުޅުވާލައި އެ މަގުން ދަތުރުކުރުން ހުއްދަކުރުން ވެސް އޮތީ ގޮތެއް ނިންމުމާ ހިސާބުގަ އެވެ.

މި ގޮތުން ކުރެވުނު މަޝްވަރާތަކުގައި ދެ ގައުމުގެ ދެމެދުގައި ކޮމާޝަލް ފްލައިޓްތައްވެސް ވަނީ 2022 ގައި ފަށާފަ އެވެ.

ތުރުކީ އާއި އަރުމީނިއާއާ ދެމެދު ޚިލާފު އުފެދިފައި އޮތް މައްސަލަތަކުގެ ތެރޭގައި އަޒަރުބައިޖާންގެ ނަގޯނޯޚަރަބާޚް އަށް އަރުމީނިއާ އަތްގަދަކުރުން ހިމެނެ އެވެ. ދެ ގައުމުގެ ބޯޑަރުގެ މައްސަލަތަކާއި 1915 ގައި އުސްމާނީ ވެރިކަމުގައި ހިނގާދިޔަ ހާދިސާތައްވެސް ހިމެނެ އެވެ.