ލައިފްސްޓައިލް

ޕިއްޒާ ކައިގެން 3.5 ކިލޯ ލުއިވި ކަމަށް ބުނާ މީހެއް

ޕިއްޒާ، ބާގާ އަދި ފްރައިޒް ފަދަ އެއްޗިއްސަކީ ސިއްހަތަށް ފައިދާއެއް ނެތް ކާނާކަން އެންމެންނަށް ވެސް އެނގެ އެވެ. އަދި ސިއްހަތަށް ބަލާ މީހުން މިފަދަ ކާނާއާ ވީވަރަކުން ދުރުހެލިވާން މަސައްކަތް ކުރެ އެވެ. ނަމަވެސް ޕާސަނަލް ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތްކުރާ މި ފިރިހެން މީހާ ވަނީ މި ތަކެތި ކައިގެންވެސް ބަރުދަން ލުއި ކުރެވިދާނެކަން ސާބިތުކޮށްދީފަ އެވެ.

ރަޔަން މާސާ ނަމަކަށް ކިޔާ 34 އަހަރުގެ މި މީހާ ބުނި ގޮތުގައި އޭނާ ޕިއްޒާ ޑައިޓެއް ކޮށްގެން ބަރުދަނުން 3.5 ކިލޯ ވަނީ ލުއިވެފަ އެވެ.

ރަޔަން ބުނި ގޮތުގައި އޭނާ ދުވާލަކު ކަނީ 10 ފޮތި ޕިއްޒާ އެވެ. އެ 10 ފޮތި އޭނާ ބަހާލަނީ ހެނދުނު ސަޔާއި މެންދުރު ކެއުން އަދި ރޭގަނޑު ކެއުމަށެވެ. މިގޮތަށް ކައިގެން ބަރުދަން ލުއިވުމުގެ އިތުރުން ހަށިގަނޑުގެ މަސްތައް އިތުރަށް ވަރުގަދަވެ ފިޓްވެއްޖެ ކަމަށްވެސް މި މީހާ ބުނެ އެވެ.

މި ފިޓްނަސް އިންސްޓްރަކްޓަރު މި ކެއުން ކައިގެން ހިކޭކަން ދައްކަން ބޭނުންވީ ސަރުބީ ވިރެނީ ހަށިގަނޑަށް އެތެރެވާ ކެލޮރީޒް މަދުކޮށްގެން ނޫންކަން ސާބިތުކޮށްދޭން ވެގެންނެވެ. ރަޔަން ބުނާ ގޮތުގައި ބަރުދަން ލުއިކުރުމުގެ ބޭނުމުގައި މީހުން އެމީހުންނަށް މީރު ކާއެއްޗެތި ކެއުމުން މަހްރޫމް ވާކަށް ނުޖެހެ އެވެ.

"ނަތީޖާ ނެރެން އަހަރެމެން ވަކި އެއްޗެތި ތަކެއް ނުކައި ހުއްޓާލާކަށް ނުޖެހޭ. އަހަރެން މީހުންނަށް ހިތްވަރުދޭނީ އެމީހުން ކާތަކެތި އަމިއްލައަށް ތައްޔާރުކޮށްގެން ކާން. އެއީ ކޮންމެ އެއްޗަކަށް ވިޔަސް އޭރުން ނަތީޖާ ނެރެވޭނެ،" އޭނާ ބުންޏެވެ.

ޕިއްޒާގެ އިތުރުން އޭނާގެ ކެއުމަށް ސިއްހަތަށް ފައިދާހުރި ޕްރޮޓީންގެ ބާވަތްތައް އިތުރުކުރާ ކަމަށް ރަޔަން ބުންޏެވެ. އެގޮތުން 7:10 ރޭޝިއޯގެ މޭވާ އާއި ތަރުކާރީ ކޮންމެ ދުވަހަކުވެސް އޭނާ ކައެވެ. އަދި ހަފުތާއަކު ދެ ޕައުންޑް ނުވަތަ ތިން ޕައުންޑްގެ ސްނެކްސް ވެސް ކައެވެ.

ރަޔަން ބުނި ގޮތުގައި ބަރުދަން ލުއިކުރުމުގެ މި ޗެލެންޖްގައި އޭނާއަށް އުނދަގުލީ ޖިމް އަށް ގޮސް ކަސްރަތުކުރުމެއް ނޫނެވެ. އޭނާއަށް އުނދަގުލީ އަމިއްލައަށް ކާއެއްޗެތި ތައްޔާރުކުރުމަށެވެ.

ޕިއްޒާއަކީ އޭނާގެ އަބަދުގެ ވެސް އެންމެ ފޭވަރިޓް ކެއުމެވެ. އެހެންކަމުން މަހެއް ވަންދެން ވެސް ހަމައެކަނި ޕިއްޒާ ކައިގެން އޭނާއަށް ހުރެވިދާނެ އެވެ.

ޕިއްޒާ އާއި އެނޫންވެސް އޭނާ ކާ ހުރިހާ ކާނާއެއް ގޭގައި އަމިއްލައަށް ތައްޔާރުކުރާ ކަމަށް ރަޔަން ބުންޏެވެ. އެހެންވެ ޕިއްޒާ އަށް ވެސް އެކި ފަހަރު އެކި އެއްޗެތި އަޅައިގެން ތަފާތު ރަހަތައް ލައްވައިގެން ކާ ކަމަށް އޭނާ ބުންޏެވެ.

ރަޔަންގެ މި އިންސްޓަގްރާމް ޕޯސްޓް ދެ މިލިއަނަށް ވުރެ ގިނަ މީހުން ބަލާ އެތައް ބަޔަކު ކޮމެންޓްވެސް ކޮށްފައި ވެއެވެ.

އޭނާ ބުނި ގޮތުގައި ހަމައެކަނި ޕިއްޒާ ކައިގެން 30 ދުވަސް ތެރޭ އޭނާއަށް 3.5 ކިލޯ ލުއި ކުރެވުނަސް ކޮންމެ ކޮންމެ މީހަކަށް މިގޮތަށް ނުވެދާނެ އެވެ. ސަބަބަކީ އެކި މީހުންގެ ހަށިގަނޑު އުފެދިފައި ހުންނަ ގޮތް ތަފާތުވީމަ އެވެ.