ތިމާވެށި

މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް ރައްޔިތުންގެ މެނިފެސްޓޯއެއް ހަދަނީ

މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވެ ރާއްޖޭގައި ތިމާވެށީގެ ރަށްވެހިކަން ކުރިއެރުވުމުގެ ގޮތުން ރައްޔިތުންގެ ގައުމީ މެނިފެސްޓޯއެއް އެކުލަވާލުމަށް ނިންމައިފި އެވެ.

މި މެނިފެސްޓޯ އެކުލަވާލުމުގައި އިސް ދައުރެއް އަދާކުރަނީ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ އިކޯކެއާ މޯލްޑިވްސްގެ ފަރާތުންނެވެ.

އެ ޖަމިއްޔާ އިން ބުނާ ގޮތުގައި ކްލައިމެޓް އެސެމްބްލީތަކެއް ބާއްވައި އާއްމުން އެއްތަނަކަށް އެއްވެ ރާއްޖޭގެ ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާކޮށް ރަނގަޅު ނިންމުންތަކެއް ނިންމުމަކީ މި މެނިފެސްޓޯގެ މައިގަނޑު އަމާޒެވެ.

މި މެނިފެސްޓޯ އެކުލަވާލާނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ތިމަވެށީގެ އިތުރުން މުޖުތަމައުއަށް ވެސް ކުރާ އަސަރުތައް ދެނެގަނެ، އާންމު ފަރުދުންނާއި ކަމުގެ މާހިރުންގެ އެހީއާ އެކު ކްލައިމެޓް އެސެމްބްލީތަކުގައި ނިންމާ ނިންމުންތަކުގެ އަލީގަ އެވެ.

މި އެސެމްބްލީގައި ބައިވެރިވާ ފަރާތްތަކުން ތަޖުރިބާތައް ހިއްސާކޮށް ނިންމުންތަކުގެ ކަރުދާހެއް އެކުލަވާލާނެ އެވެ.

މިގޮތުން އިކޯކެއާ އިން ބަައްވާ ކްލައިމެޓް އެސެމްބްލީތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިން ދުވަހުގެ ކޮންވެންޝަނެއްގެ ގޮތުގަ އެވެ. އަދި މި އެސެމްބްލީތަކުގައި ތިމާވެށީގެ މާހިރުންގެ ޕެނަލްއެއް ބައިވެރިވާނެ އެވެ.