ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ވިއްސާރަކުރާނެތީ މޫސުށް ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުން ބުނީ ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ކޮންމެވެސް ވަރަކަށް ކުރާނެ ކަމަށެވެ. ނަމަވެސް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާ އެކު ވިއްސާރަކޮށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.
މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދު ވަރަށް ބޮޑަށް މޫސުން ގޯސްވެފައިވާ ގޮތަށް މާދަމާ ދެކުނުގެ އަތޮޅުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވާނެ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަކީ ހުޅަނގު މޫސުމުގެ މިދުވަސްވަރު އާންމުކޮށްވެސް ކުރަމުންދާ ވިއްސާރައާއި ގުޅޭ ވިއްސާރައެއް ކަމުގައިވެސް މެޓް އޮފީހުން ބުނެ އެވެ.
މެޓް އޮފީހުން ބުނީ މިހިނގާ އޮކްޓޫބަރު މަހުގެ ބޮޑު ބައެއް މޫސުން ގޯސްވާނެ ކަމަށް ލަފާކުރާތީ ދިމާވެދާނެ ހާދިސާއަކުން ރައްކާތެރިވުމަށް ހުރިހާ އެންމެންވެސް ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.