ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖެ ސަލާމަތް ކުރަން ފުރުސަތު ލިބޭ ފަހުގެ ޖީލަކީ މިއީ ކަމަށް ވެދާނެ: ރައީސް

ތިމާވެށީގެ ގެއްލުންތަކުން ރާއްޖެ ސަލާމަތް ކުރުމަށް އެންމެން އެކުގައި މިހާރު މަސައްކަތް ނުފަށައިފިނަމަ އަޅުގަނޑުމެންނަކީ މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތް ކުރުމުގެ ފުރުސަތު ލިބޭ އެންމެ ފަހު ޖީލަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެ މޫސުމީ ބަދަލުތަކުގެ ގެއްލުންތަކުގެ ބޮޑުމިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ހާމަކުރައްވައިފި އެވެ.

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މޫސުމީ ބަދަލުތަކުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ރާއްޖެ ފަދަ ކުދި އަދި ބިން ތިރި ޖަޒީރާ ގައުމުތަކަށް ނަމަވެސް ޖައްވު ހޫނުވުމަށް މެދުވެރިވާ ކަންކަމުގައި ރާއްޖޭގެ ހިއްސާ ވަރަށް ކުޑަ ކަމަށެވެ. އަދި ހަގީގަތަކީ މިއީ ކަމުގައިވިޔަސް ތިމާވެށީގެ ގެއްލުންތަކުން ސަލާމަތްވުމަށް އެންމެ ގިނަ މަސައްކަތްތަކެއް އަދި އެންމެ ބޮޑު ހަރަދެއް ކުރަންޖެހެނީވެސް ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތައް ކަމަށްވެސް ވިދާޅުވިއެވެ.

"ބައިނަލްއަގްވާމީ މުޅި މުޖުތަމައާ ގުޅިފައިވާ މިފަދަ ކަންކަމުންވެސް ސާބިތު ވަނީ ހުރިހާ ގައުމުތަކެއް އެކުގައި އެއް އާއިލާއެއްގެ ގޮތުގައި އުޅުމުގެ މުހިންމުކަން. މިފަދަ ގޮންޖެހުންތަކުން ދޭހަކޮށްދެނީ ކިތަންމެ ދުރުގައި ކިތަންމެ ވަކިން އޮތަސް ބައިނަލްއަގްވާމީ މުޖުތަމައާ ވަކިވެގެން އުޅެވެން ނެތްކަން،"

ރައީސް ވިދާޅުވީ އިންސާނުންގެ އަމިއްލަ އަތްތަކުން ކުރާ ކަންކަމުގެ ސަބަބުން ދުނިޔޭގެ ހޫނުމިން ދަނީ އިންތިހާއަށް މަތިވަމުން ކަމަށެވެ. އަދި މޫސުމަށް އަންނަ ނުރަނގަޅު ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގުދުރަތީ ކާރިސާތަކާ ހެދި އެންމެ ބޮޑެތި ގައުމުތައްވެސް އެކަމާމެދު ގޮތް ހުސްވެއްޖެ ކަމަށެވެ. ވީއިރު ރާއްޖެ ފަދަ އަބަދުމެ ކަނޑުގެ ރާޅުތައް ވަށައިގެން ބިންދަމުންދާ ތިރި ޖަޒީރާތަކެއްގެ ކުރިމަގާމެދު ވިސްނާވަޑައިގަތުމަށް ރައީސް އެދިވަޑައިގަތެވެ.

ރާއްޖޭގެ ތާރީހު ލިޔަމުންދާއިރު އަޅުގަނޑުމެންނަށް މިއަދު ހުއްޓި މި ތިބެވެނީ ތިމާވެށީގެ ކުރިމަތީގައި ޖެހުނު މޫސުމީ ބަދަލުތަކުގެ ފުލުސްޓޮޕަކަށް. މިހާ ހިސާބުން ރާއްޖޭގެ ތާރީހު އިތުރަށް ލިޔެ ފުރިހަމަކުރާނީތޯ ނުވަތަ އެ ފުލުސްޓޮޕާއެކު ތިމާވެށީގެ ޝިކާރައަކަށްވެ ނިމިގެންދާން ދޫކޮށްލާނީތޯ، އެއީ މިޖީލުގެ ދިވެހިން ޖަވާބަކާމެދު ވިސްނަން ޖެހިފައިވާ އެންމެ ވަރުގަދަ ސުވާލު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް | ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ

ތިމާވެށީގެ ގެއްލުންތަކުން ރާއްޖެ ސަލާމަތް ކުރުމަށް އެންމެން އެކުގައި މިހާރު މަސައްކަތް ނުފަށައިފިނަމަ އަޅުގަނޑުމެންނަކީ މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތް ކުރުމުގެ ފުރުސަތު ލިބޭ އަދި އެންމެފަހު ޖީލަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މި ޖަޒީރާތައް ނެތި ދިވެހިރާއްޖެއެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

"ދިވެހިރާއްޖެ ނެތް ހިނދެއްގައި، ދިވެހިންނެއް ނުތިބޭނެ. ދިވެހިން ނެތި، ދިވެހި ގައުމިއްޔަތެއްވެސް ނޯންނާނެ. އެހެންކަމުން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަކީ އަޅުގަނޑުމެންގެ ގައުމިއްޔަތު ހިމާޔަތް ކުރުމުގެ އެންމެ މުހިންމު މަސައްކަތަށް މިއަދު ހަދަންވެއްޖެ. ދިވެހިންގެ ދިރިއުޅުމާއި އިގްތިސާދުވެސް އެ މައްޗަށް ބިނާވެފައިވާ، ރާއްޖޭގެ މާހައުލީ ނިޒާމު އޭގެ ޠަބިއީ ހާލަތަށް އިއާދަކޮށްދިނުމަށް އާ އަޒުމަކާއެކު އެންމެން އެކުގައި ތެދުވުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސްކުރަން،" ރައީސް ވިދާޅުވިއެވެ.