ޗައިނާގެ އުތުރުގައި އޮންނަ ޝަންހާއީގެ މީހަކު އޭނާގެ ކުރީގެ އަނބިމީހާއަށް ބޮޑު ބައްޔެއް ޖެހި ވަރަށް ބަލި ހާލު ގޯސްވެފައިކަން އެނގުމުން އޭނާއާ ދެވަނަ ފަހަރަށް ކައިވެނިކޮށްފި އެވެ.
މި މީހާ އޭނާ ކުރީގެ އަނބިމީހާއާ ކައިވެނިކުރަން ނިންމީ ކުއްލިއަކަށެވެ. އެ ނިންމުން އޭނާ ނިންމީ އެމީހުންގެ ލޯތްބާއި ކައިވެނީގެ އަގުމާތް ގުޅުމުން އަންހެން މީހާއަށް ޖެހިފައިވާ ބަލި ފަސޭހަވެ އޭނާގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމަށް ކުރެވޭ އުއްމީދުންނެވެ.
އަންހެން މީހާ އަށް ޖެހިފައިވަނީ ލޭގެ މައްސަލަ އެކެވެ. މިކަމަށް ފަރުވާކުރަން އޭނާއަށް އިމަޖެންސީކޮށް ފަރުވާއެއް ދޭން ޖެހެ އެވެ. އަދި މިފަރުވާ ދޭން ގިނަ ދުވަސް ތަކަކު އޭނާ އިންޓެންސިވް ކެއާ ޔުނިޓްގައި ވެސް ބާއްވަން ޖެހެ އެވެ.
ސައުތު ޗައިނާ މޯނިން ޕޯސްޓްގައި ޖަހާފައިވާ މި ޚަބަރުގައި ފިރިހެން މީހާގެ ނަން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މި ދެ މީހުން ދެވަނަ ކައިވެނި ރަޖިސްޓްރީ ކުރަން އެޕްލިކޭޝަން ހުށަހަޅަން ކަމާ ބެހޭ އޮފީހަށް ކާރުގައިދާ މަންޒަރާއި އެތަނަށް ގޮސް ދެ މީހުންގެ ފޮޓޯ މޭޒުމަތީގައި ބަހައްޓައި އެޕްލިކޭޝަން ހުށަހަޅައި އަލުން ކައިވެނިކުރަން ކިއުގައި ތިއްބާ މި ވީޑިއޯގައި ފެނެ އެވެ.
މި ވީޑިއޯ ބަލާފައި ގިނަ ބަޔަކު ބުނީ ފިރިހެން މީހާ ކަންތައް ކުރި ގޮތުން ވަރަށް އަސަރުކޮށްފި ކަމަށެވެ.
"މިތަނުގައި މިއަދު ކައިވެނިކުރި އެހެން މީހުން ކައިވެނީގެ އުފާ ފާޅުކުރަމުން ދިޔައިރު އަހަރެމެންނަށް ޖެހުނީ ކައިވެނިކޮށް ނިމުމާއެކު ދުވަމުން ދުވަމުން އަވަހަށް ހޮސްޕިޓަލަށް ދާން. ސަބަބަކީ ވަގުތުން ފުރާނަ ސަލާމަތްކުރުމަށް ދޭންޖެހޭ ފަރުވާ ވަގުތުން ވަގުތަށް ފަށަން ޖެހޭތީ،" ފިރިހެން މީހާ ބުންޏެވެ.
މި ދެ މީހުން ވަރިވިތާ ތިން އަހަރު ވަނީ ފާއިތުވެފަ އެވެ. އެޕްލާސްޓިކް އެނީމިއާ ކިޔާ ފުރާނައަށް ނުރައްކާ ބައްޔެއް އަންހެން މީހާއަށް ޖެހިފައިވާކަން އެނގުނީ މީގެ ދެ ހަފުތާ ކުރިންނެވެ.
ފިރިހެން މީހާ ބުނީ އޭނާ އަންހެނުން ވަރިކުރީ މާބޮޑު މައްސަލައެއް ޖެހިގެން ނޫން ކަމަށާއި ކުއްލިއަކަށް އައި ސިނގު ރުޅިއެއްގައި ވަރިކުރެވުނީ ކަމަށެވެ. ވަރިކުރިޔަސް ދެ މީހުން އުޅެމުންދިޔައީ އެއް ގެއެއްގަ އެވެ. އަދި ވަރިކުރިތާ ތިން އަހަރު ވީފަހުން އަންހެން މީހާއަށް ބޮޑު ބައްޔެއް ޖެހިފައިވާކަން އެނގުމުން އަލުން ކައިވެނިކުރަން ނިންމީ ކަމަށެވެ.
ކައިވެނީގެ ސެޓްފިކެޓް ލިބުމާއެކު ދެ މީހުން އަވަހަށް ހޮސްޕިޓަލަށް ގޮސް އަންހެން މީހާ ބަލި އެނދުގައި އޮއްވާ ވެސް މި ވީޑިއޯގައި ފެނެ އެވެ.
ފިރިހެން މީހާ ބުނީ އަންހެނުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާއިރު ހާލު އިތުރަށް ގޯސްނުވާ ކަމަށެވެ.