މަޝްހޫރު ވިޔަފާރިވެރިޔާ އީލޮން މަސްކްގެ އިންޓަނެޓުން ކުފުނިން ބުނީ އަސްކަރީ ބޭނުންތަކުގައި -- ޑްރޯން ބޭނުންކުރުމާއި މިސައިލަށް މަގުދައްކަން -- ސްޓާލިންކް އިންޓަނެޓް ބޭނުންކުރުމަކީ ހިތާމަވެރި ކަމެއް ކަމަށެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށްވެސް ސްޓާލިންކުން ވަނީ ބުނެފަ އެވެ.
ސްޓާލިންކުގެ ރައީސް އަދި ޗީފް އޮޕަރޭޓިން އޮފިސަރު ގްވީން ޝޮޓްވެލް ވިދާޅުވީ ސްޓާލިންކް އިންޓަނެޓްގައި އަސްކަރީ ސިފަ ޖެއްސުމަކީ އެއްގޮތަކަށް ވެސް ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ.
ގްވީން ޝޮޓްވެލް ވިދާޅުވި ގޮތުގައި ޔުކްރޭންގެ ދިފާއުގައި އަސްކަރީ ބޭނުންތަކުގައި އިންޓަނެޓް ބޭނުންކުރެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް ސްޓާލިންކަކީ އެ ބޭނުމުގައި އުފައްދައި ދެމުންގެންދާ ޚިދުމަތެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ވިޔަފާރި މުދަލަކީ އެ ގަންނަ މީހަކު ހިތުހުރި ގޮތަކަށް ބޭނުންކުރެވެން ޖެހޭ އެއްޗެއް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ގްވިން ވިދާޅުވި އެވެ. ވިޔަފާރި މުދަލުގެ ތެރޭގައި މަދަނީ ބޭނުންތަކަށާއި އަސްކަރީ ބޭނުންތަކަށް އުފައްދާ ބާވަތްތައް ހުންނަ ކަމަށްވެސް އެނާ ވިދާޅުވި އެވެ.
މިނިވަން ދައުލަތަކަށް ހަމަލާދޭން ސްޓާލިންކް އިންޓަނެޓް ބޭނުން ނުކުރުމަށްވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
ޔުކްރޭން ހަނގުރާމަ ފެށުނު ފަހުން އެ ގައުމަށް 22،000 ސްޓާލިންކް ޑިވައިސް ފޯރުކޮށްދީފައި ވާނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.
އީލޮން މަސްކް ކުރިން ވިދާޅުވި ގޮތުގައި އެއްވެސް އަގެއް ނެތި ސްޓާލިންކް ޚިދުމަތް ޔުކްރޭނަށް ފޯރުކޮށްދިނުމަކީ ދަަތިކަމެއް ކަމަށެވެ. މިގޮތުން އޭނާ ވިސްނީ ސްޓާލިންކް ޚިދުމަތްތައް ޔުކްރޭންގައި ކޮންޓްރޯލް ކުރުމަށެވެ.
އެހެންނަމަވެސް، ޔުކްރޭންގައި ބޭނުންކުރާ ސްޓާލިންކް ހިދުމަތްތަކަށް ހުޅަނގުން އަގު ދައްކާ ގޮތަށް މިހާރު އޮތީ ހަމަޖައްސާފަ އެވެ.