އެމެރިކާގައި މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޑޮނަލްޑް ޓްރަމްޕް އަދި ޖޯ ބައިޑަންގެ ކެމްޕޭނަށް ހަރަދު ނުކުރައްވާނެ ކަމަށް އެމެރިކާގެ މަހުޖަނު އަދި ސްޕޭސްއެކްސްގެ ވެރިޔާ، އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.
އީލޮން މަސްކް މިހެން ވިދާޅުވި ސަބަބެއް ކަމަށް ބެލެވެނީ ފްލޮރިޑާގައި ޑޮނަލްޑް ޓްރަމްޕްއާ އެކު މަސްކް އުޅުއްވާ ތަން ނޫސްވެރިންނަށް ފެނިފައިވާ ކަމަށް ނިއުޔޯކް ޓައިމްސް އިން ރިޕޯޓް ކުރުމާ ގުޅިގެންނެވެ.
މަސްކް އެކްސްގައި ޕޯސްޓް ކުރެއްވި މެސެއްޖެއްގައި ބުނީ އެމެރިކާގެ ރައީސްކަމަށް ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ހޭދަނުކުރއްވާނެކަން ކަށަވަރުކޮށްދެއްވާ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން އީލޮން މަސްކް އަކީ އެއްވެސް އިރެއްގައި ޕޮލިޓިކްސްގައި ޖެހިވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ.
އޭނާގެ އަތުގައި ހުރި މުއްސަނދިކަމާ އެކުވެސް ސިޔާސީ ކެންޑިޑޭޓުންނަށް ހޭދަކުރައްވައި ވަކި ހައިސިއްޔަތެއް ހޯއްދެވުމަކީ އޭނާގެ ޝައުގެއް ނޫން ކަމަށް ވެއެވެ.
ޑޮނަލްޑް ޓްރަމްޕްއާ އެކު މަސްކް ނޫސްވެރިންނަށް ފެނުނު ދަނޑިވަޅަކީ، ކެމެޕޭން ކުރެއްވުމަށް ފައިސާ ހޯދަން ޖެހިވަޑައި ގަންނަވާ ކަމަށް ޓްރަމްޕް ވިދާޅުވެފައި އޮތް ދަނޑިވަޅެއް ކަމަށް ހަބަރުތައް ބުނެ އެވެ.
އެ ދަނޑިވަޅުގައި މަސްކްއާ އެކު ޓްރަމްޕް ދެއްކެވި ވާހަކަ އަކީ މަސްކްގެ އަތުން ފައިސާ ހޯއްދެވުމަށް ޓްރަމްޕް ދެއްކެވި ވާހަކައެއް ކަމަށް ނޫސްވެރިންނަށް ހީވީ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.
އީލޮން މަސްކް ވިދާޅުވި ގޮތުން 2020 ވަނަ އަހަރު ބައިޑަންއަށް އޭނާ ވޯޓު ދެއްވި އެވެ. އެހެނެއް ކަމަކު ދެން ބައިޑަން އަށް ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ބައިޑަން އަށް ވޯޓު ދެއްވުނީތި ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެ މަސްކް ވަނީ ބައިޑަން އަށް އެކި ފަހަރު ބަހުގެ ހަމަލާތައްވެސް ދެެއްވާފަ އެވެ.
އޭގެ މާނަ އަކީ މި ފަހަރު ޓްރަމްޕަށް ވޯޓު ދެއްވުންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން މަސްކް ވަކި އެއްޗެއް ވިދާޅެއް ނުވި އެވެ. އަދި ފަހުން ވިދާޅުވީ ޓްރަމްޕަށް ވޯޓު ދެއްވާނެ ކަމަށް ނުދަންނަވާނެ ކަމަށެވެ.
އެމެރިކާގެ ސިޔާސީ މަސްރަހު މިހާރު ފުރޮޅެމުންދާ ގޮތުން އެންމެ ބޮޑަށް ވައްތަރީ އިންތިހާބުގައި ވާދަކުރައްވާ ގަދަ ދެބާރަކަށް ވާނީ މިހާރުގެ ރައީސް ޖޯ ބައިޑާން އާއި އަދި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށެވެ.