އެމެރިކާގައި ހަގީގަތުގައި ރައީސަކު ނެތްތާ ދުވަސްކޮޅެއް ވެއްޖެ ކަމަށް ޓެސްލާ ކަރަންޓް ކާރު ކުންފުނީގެ ވެރިޔާ އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.
ސްޕޭސް އެކްސްގެ ވެރިޔާ މަހުޖަނު މަސްކް އޭނާގެ މައިކްރޮބްލޮގިން ޕްލެޓްފޯމް އެކްސްގައި ސުވާލުކުރައްވައި ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ދައުލަތެއް ހިންގުމަށް ކޮންމެހެން ބުއްދި ބޭނުންވޭތޯ އެވެ.
"އެމެރިކާ ސަރުކާރު މިހާރު ހިނގަނީ ބޮލެއް ނެތި،" ކަމަށް މަސްކް ވިދާޅުވި އެވެ.
އީލޮން މަސްކް މިހެން ވިދާޅުވެ އިޝާރާތްކުރައްވަނީ މިއަހަރު ނޮވެމްބަރުގައި އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން -- ޖޯ ބައިޑަން އާއި ޑޮނަލްޑް ޓްރަމްޕްއާ ދެމެދު އޮތް ރިޔާސީ ބަހުސަށެވެ.
ރިޔާސީ ބަހުސްގައި ރިޔާސަތުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ކުޅަދާނައެއް ނުވި އެވެ. އޭނާގެ ވާދަވެރިޔާ އަދި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސުވާލުތަކަށް ޖަވާބުދެއްވައި ވަނީ އާންމުންގެ ހިތުން ޖާގަ އިތުރުކޮށްފަ އެވެ.
މި ބަހުސަށްފަހު ރިޔާސީ އިންތިހާބު ދޫކޮށްލެއްވުމަށް ބައިޑަންއަށް އިރުޝާދު ދިން ނަމަވެސް އޭނާ ވަނީ އެކަން ގަބޫލުނުކުރައްވާފަ އެވެ.
ބައިޑަން ވިދާޅުވި ގޮތުގައި އޭނާ ބަހުސަށް ވަޑައިގަތީ އާލާސްކަންފުޅާ އުޅުއްވަމުންނެވެ. އެއިރު ހުންނެވީ ކަރުގައި ރިއްސައި ހުންވައްތަރު ވެފައި ކަމަށް ބައިޑަން ވިދާޅުވި އެވެ.
އީލޮން މަސްކް ވިދާޅުވި ގޮތުގައި ރައީސްގެ މަގާމުގައި މީހަކު ބެހެއްޓުމުގެ ވިސްނުމުގައި މީހަކު ބަހައްޓަންވީ އެވެ. އެކަމަކުން ދައުލަތަށް ލިބޭނެ ބުއްދިއެއް އަދި ވިސްނައިދެވޭނޭ ވިސްނުމެއް ނެތް ކަމަށް ވިދާޅުވި އެވެ.
ބައިޑަންއާ މެދު ރިޔާސީ ބަހުސުގެ ކުރިންވެސް ލިޔުންތެރިންނާއި ކިޔުންތެރިން އިންޒާރު ދެއްވި އެވެ.
އެމެރިކާގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި ޖޯ ބައިޑަން އަކީ އޭނާގެ ބުއްދީގެ ބާރު ހުރި މިންވަރަށް ބަލާއިރު ދެވަނަ ދައުރެއް އަދާކުރެވޭ ވަރުގެ މީހެއް ނޫން ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.
ނަމަވެސް ބައިޑަން ދެކެވަޑައިގަންނަވާ ގޮތުގައި އޭނާ ހުންނެވީ ހެޔޮ ހާލުގަ އެވެ. އަދި ފުރަތަމަ ބުރަށް ވުރެ ގިނަ ވޯޓާ އެކު ޑޮނަލްޑް ޓްރަމްގެ މައްޗަށް ކުރި ހޯއްދަވާނެ ކަމަށް ވިދާޅުވި އެވެ.