ދުނިޔެ

ވޯޓުދޭން ވާނީ ރިޕަބްލިކަން ކެންޑިޑޭޓުންނަށް: އީލަން މަސްކް

އެމެރިކާގައި މިއަދު ބާއްވާ މިޑްޓާމް އިލެކްޝަން -- ދައުރުގެ މެދުތެރެއިން ބާއްވާ އާންމު އިންތިހާބުގައި ރިޕަޕްލިކަން ޕާޓިގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެމެރިކާގެ ރައްޔިތުންގެ ކިބައިން އީލޮން މަސްކް އެދިވަޑައިގެންފި އެވެ.

މިއީ މިހާ ފާޅުކަން ބޮޑު ގޮތެއްގައި ޓެސްލާގެ ވެރިޔާ އަދި ބިލިއަނަރު އީލޮން މަސްކް އެމެރިކާގެ ސިޔާސީ މަޝްރަހުގައި ވަކި ކޮޅެއް ނަންގަވައި ވޯޓަކަށް ތާއީދު ހޯއްދެވުމަށް އެދިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އީލޮން މަސްކް މިގޮތަށް އެދިވަޑައިގަތީ ލަފާކުރެވޭ ގޮތުގައި ވަކި ކޮޅަކަށް -- ރިޕަބްލިކަނުންނަށް އަދި ޑިމޮކްރެޓުންނަށް ވެސް ތާއީދުނުކުރާ މީހުންނަށް އަމާޒުކުރައްވަ އެވެ.

އެހެން ނަމަވެސް، މަސްކް ކަހަލަ މުއްސަނދި ބޭފުޅަކު ވަކި ކޮޅެއް ނަންގަވައި ތާއީދު ހޯއްދެވުމަށް އެދިވަޑައިގަތުމަކީ ހަގީގަތުގައިވެސް ވެރިކަމުގެ ސިޔާސަތު ވަކި ބަޔަކަށް ހޯއްދަވައި ދެއްވުމަށް ޝައުގުވެރިވެ ވަޑައިގަތުން ކަމަށް ބެލެެވިދާނެ އެވެ.

މަސްޓް ޓްވީޓްކުރައްވައި ތާއިދަށް އެދިވަޑައިގަތުމަށް ފަހު ދެވަނަ ޓްވީޓެއްގައި ވަނީ ވަކި ޕާޓިއަކަށް ޝައުގުވެރިކަން ނެތް މީހުންގެ ކިބައިން ޑިމޮކްރެޓުންނަށް ތާއީދުކުރެއްވުމަށްވެސް އެދިވަޑައިގެންފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމެރިކާގައި ހުންނަން ވާނީ ހަމަ ހަގީގަތުގައި ވެސް ޑިމޮކްރެޓިކް ވެރިއެކެވެ. ބާރުތައް އެއްބައެއްގެ އަތުގައި އޮތުމުން ކުރިމަތިވާ ފުށުއެރުންތަކުގައި އެންމެ ބޮޑަށް ފިތޭނީ އާންމު ރައްޔިތުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޕާޓިތަކުން ސަރުކާރު ކޮންޓްރޯލްކުރާ ގައުމުތަކުގައި ވަކި ޕާޓިއަކަށް މަރުދޭ ވަރުގައި ތިބޭ ސަޕޯޓަރުން އިދިކޮޅު ޕާޓީގެ ކެންޑިޑޭޓަކަށް ވޯޓެއް ދިނުމަކީ އާންމު ހާލަތެއްގައި ވާނެ ކަމެއް ނޫނެވެ.

އެހެން ނަމަވެސް، ވަކި ކޮޅެއް ނުނަގާ މީހުންގެ ވޯޓު ހޯދުމަކީ -- އެ މީހުން ގަބޫލުކުރާ ފިކުރެއް ވިއްކިއްޖެނަމަ ކުރެވިދާނެ ކަމެކެވެ. މަސްކްގެ ވިސްނުން އޮތީ މި ދިމާއަށެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ބަޔަށް -- ހައުސް އޮފް ރިޕްރެޒެންޓެޓިވްސް އަދި ސެނެޓަށް މެމްބަރުން ހޮވަން މިއަދި ބާއްވާ އިލެކްޝަނަކީ އެމެރިކާގައި މިހާރު ވެރިކަންކަން ކުރާ ޑިމޮކްރެޓުންނަށް ފަސޭހަ އިލެކްޝަނަކަށް ނުވެދާނެ ކަމަށް ބުނެވެ އެވެ.

ޑިމޮކްރެޓުންނަށް ތާއީދު ހޯއްދެވުމަށް ރައީސް ޖޯ ބައިޑަން އާއި ކުރީގެ ރައީސް ބާރަކް އޮބާ ވެސް ގެންދަވަނީ ކެންޑިޑޭޓުންނަށް ކެމްޕޭންކޮށްދެއްވަމުންނެވެ.

އަނެއްކޮޅުން ރިޕަބްލިކަނުންނަށް ވޯޓް ހޯއްދެވުމަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ގެންދަވަނީ އެއްވުންތައް ބާއްވައި ސަރުކާރަށް ޕްރެޝަރު ކުރައްވަމުންނެވެ.