ދުނިޔެ

ރަނގަޅު އިގުތިސާދެއް ޓްރަމްޕާ ހަވާލުކުރިން: އޮބާމާ

އެމެރިކާގެ ރައީސްގެ މަގާމު 2016 ވަނަ އަހަަރު ޑޮނަލްޑް ޓްރަމްޕާ ހަވާލުކުރެއްވީ ވަރަށް ރަނގަޅު އިގުތިސާދަކާ އެކު ކަމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

އޮބާމާ އަކީ އެމެރިކާގެ 44 ވަނަ ރައީސް އެވެ. އޭނާ ވަނީ ރައީސްގެ މަގާމުގައި އަށް އަހަރު ދެމިހުންނަވާފަ އެވެ. އެއީ އެމެރިކާގެ ރައީސްގެ މަގާމަށް އިންތިހާބު ކުރެވޭ މީހަކަށް އެ މަގާމުގައި ހުންނެވޭ އެންމެ ދިގު މުއްދަތެވެ. އެއީ ދެ ދައުރެވެ.

އޮބާމާއަށް ރައީސްގެ މަގާމު އަދާކުރައްވާފައިވަނީ ޖެނުއަރީ 20، 2009 އިން ޖެނުއަރީ 20، 2017 އަށެވެ.

އޮބާމާއަށްފަހު އެމެރިކާގެ ރައީސްގެ މަގާމަށް އިންތިހާބު ކުރެވުނީ ޑޮނަލްޑް ޓްރަމްޕް އެވެ. އޭނާ ވަނީ ރައީސްކަން ހަތަރު އަހަރު -- އެއް ދައުރު އަދާކުރައްވާފަ އެވެ. އެއީ 20 ޖެނުއަރީ، 2017 – 20 ޖެނުއަރީ، 2021 އަށެވެ.

އެމެރިކާގެ ރައީސްގެ މަގާމަށް އިންތިހާބު ކުރެވޭ ކޮންމެ މީހަކަށް ދެ ދައުރު -- އަށް އަހަރު އޮންނަ އުސޫލުން، ޑޮނަލްޑް ޓްރަމްޕަށް ވެސް އެ އިޚުތިޔާރު އޮތީ ލިބިފަ އެވެ. އެމެރިކާގައި މި އަހަރު އޮތް ރިޔާސީ އިންތިހާބުގައި ޓްރަމްޕް ވާދަކުރައްވަނީ ވެރިކަމުގެ ދެވަނަ ދައުރަކަށެވެ.

އެމެރިކާގައި މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކަމަލާ ހެރިސްއަށް ކެމްޕޭން ކުރެއްވުމަށް އެއްވުމަކަށް ވަޑައިގެން ބާރަކް އޮބާމާ ވިދާޅުވީ އެމެރިކާގެ އިގުތިސާދު އެއްވާނެއްގައި ދެމެހެއްޓެވުމަށް ޓްރަމްޕް އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ.

އޭނާ ވެރިކަމުން ފައިބާ ވަޑައިގެންނެވިއިރު އެމެރިކާގެ އިގުތިސާދު އޮތީ ދުޅަހެޔޮކޮށް ކަމަށް އޮބާމާ ވިދާޅުވި އެވެ. އަދި ޓްރަމްޕްގެ ޒައާމަތުގައި އިގުތިސާދު ހަރުދަނާކުމުގެ މަސައްކަތެއް ފައްޓަވާފައިވެސް ނުވާ ކަމަށް އޮބާމާ ވިދާޅުވި އެވެ.

ކަމަލާ ހެރިސް ދަރިވަރުވެ ވަޑައިގަންނަވަނީ އިގުތިސާދީ މާހިރުންގެ އަރިހުން ކަމަށް އޮބާމާ ވިދާޅުވި އެވެ. އެމެރިކާގެ ރައީސަކަށް ދެން އެންމެ ރަނގަޅު ވާނީ ކަމަލާ ކަމަށްވެސް އޮބާމާ ވިދާޅުވި އެވެ.

ވެރިކަން ލިބިވަޑައިގެންފިނަމަ މުއްސަނދިންގެ އަތުން ބޮޑު ޓެކުހެއް ނަންގަވާނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އާންމުންނަށް އަޅައިނުލައްވާ ވެރިއަކު ކަމުދާނެތޯ އޮބާމާ ސުވާލުކުރެއްވި އެވެ.