ދުނިޔެ

ޓްރަމްޕް ދަންނަ ހަމައެކަނި ކަމަކީ މީހުން ބިރުގެއްނެވުން: ކަމަލާ ހެރިސް

އެމެރިކާގައި މި އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވަމުން އަންނައިރު، ވާދަވެރިކަން ބޮޑު ދެ ކެންޑިޑޭޓުން -- ކަމަލާ ހެރިސް އާއި ޑޮނަލްޑް ޓްރަމްޕާ ދެމެދު މަލާމާތާއި ފުަރައްސާރަ ހައްތާ ވަނީ އިތުރެވެ.

ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރިޔާސީ އިންތީޚާބުގައި ވާދަކުރައްވާ ކަމަލާ ހެރިސް ދެކެވަޑައިގަންނަވާ ގޮތުގައި މި އިންތިޚާބުގައި ވާދަކުރައްވާ ރިޕަބްލިކަން ކެންޑިޑޭޓު ޑޮނަލްޑް ޓްރަމްޕް މުޅިން ވެސް ދައްކަވަނީ މީހުންގެ ހިތަށް ވަހުމާއި ބިރުވެރިކަން ވަންނަ ޒާތުގެ ވާހަކަތަކެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން ސަރުކާރުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ކަމަލާ ކެމްޕޭން އެއްވުމެއްގައި ވާހަކަދައްކަވަމުން ވިދާޅުވި ގޮތުގައި ޑޮނަލް ޓްރަމްޕަށް އެނގިވަޑައިގަންނަވާ ހަމައެކަނި ކަމަކީ މީހުން ބިރުގެންނެވުމެވެ.

ކަމަލާ ހެރިސް ވިދާޅުވި ގޮތުގައި ޓްރަމްޕް އަބަދުވެސް އުޅުއްވަނީ ކޮންމެވެސް ކަހަލަ މައްސަލަގަނޑެއްގެ ތެރޭގަ އެވެ. ޓްރަމްޕަކީ ފިތުނަ އުފެއްދެވުމަށް އަރާހުންނެވި ބޭފުޅެއް ކަމަށް ވެސް ކަމަލާ ވިދާޅުވި އެވެ.

ކަމަލާ ވިދާޅުވީ ޓްރަމްޕަކީ އެއްވެސް ކަމެއްގެ ހައްލު އެނގިވަޑައިގަންނަވާ ބޭފުޅުން ނޫން ކަމަށެވެ. މައްސަލަތަކެއްގެ ތެރެއަށް ވަދެވަޑައިގަތުން ޓްރަމްޕަށް ވަރަށް ފަސޭހަ ކަމަށް ވެސް ކަމަލާ ވިދާޅުވި އެވެ. އަދި ނުކުމެވަޑައިގަންނަވާނެ ގޮތް އެނގިވަޑައިނުގެން ވެރިކަން ދޫކޮށްލައްވާ ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގައި ރައީސްކަން ކުރެއްވުމަށް ބޮޑަށް ބޭނުންވަނީ މައްސަލަތަކެއް ނޫން ކަމަށާއި -- ރައީސަކަށް ކޮންމެ ބޭފުޅަކު ހުންނެވި ނަމަވެސް، ކޮންމެ ކަމަކަށް ވެސް ހައްލެއް އޮންނަކަން އެނގިވަޑައިގަންނަވަން ވާނެ ކަމަށް ކަމަލާ ވިދާޅުވި އެވެ.

ޓްރަމްޕް އުޅުއްވާ ގޮތުން ބައެއް ފަހަރު ލަދުގަންނަ ކަމަށް ވެސް ކަމަލާ ވިދާޅުވި އެވެ. އެއީ އެމެރިކާގައި ރައީސްކަން އެއްދައުރު އަދާކުރައްވައި އަދި މިހާރު ދެވަނަ ދައުރަކަށް މަސައްކަތްކުރައްވާ ކެންޑިޑޭޓު އުޅުއްވާ ގޮތް ފެނިވަޑައިގަންނަވާތީ ކަމަށް ކަމަލާ ވިދާޅުވި އެވެ.

ޚިޔާލު ހޯދުމުގެ ވޯޓުތައް ދައްކާ ގޮތުން ޓްރަމްޕަށް ވުރެ ކަމަލާއަށް އޮތް ތާއީދު ބޮޑެވެ. ނަމަވެސް، ކަމަލާގެ ކިބާގައި ޓްރަޕްގެ ހުރި ވަރުގެ ސިޔާސީ ގާބިލުކަން ނެތުމަކީ ފަހަރެއްގައި ކަމަލާއަށް ވޯޓުން ތަފާތު ފެނިވަޑައިގެންފާނެ ކަމެކެވެ.

ޓްރަމްޕް ވެރިކަމަށް ވަޑައިގެންފި ނަމަ އެމެރިކާ ރައްޔިތުން ތަޖުރިބާކުރަން ޖެހޭނީ ނަގޫރޯޅިއެއް ކަމަށް އިސް ރަށްވެހިން ބުނެ އެވެ.