ޖޯ ބައިޑަން ސަރުކާރުގެ ނައިބު ރައީސް ކަމަލާ ހެރިސްއަށް ވުރެ ބޮޑަށް ބައިޑަން އޭނާއަށް ކަމޭހިއްތަވާކަން ކަށަވަރު ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ކަމަލާ ހެރިސް އާއި ޖޯ ބައިޑަން އަކީ ޑިމޮކްރެޓިކް ޕާޓީގެ ދެ މެމްބަރުންނެވެ. އެމެރިކާގައި މި އަހަރު ނޮވެމްބަރު ފަހެއްގައި އޮންނަ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަކީ ކަމަލާ ހެރިސް އެވެ.
ޑޮނަލްޑް ޓްރަމްޕް ވަނީ މީގެކުރިން އެމެެރިކާގެ ރައީސްކަން ކުރައްވާފަ އެވެ އޭނާއަށް އަދާކުރެވުނީ ރައީސްކަމުގެ އެއްދައުރެވެ. މިހެންކަމުން މި އަަހަރުގެ ރިޔާސީ އިންތިޚާބުގައި -- ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ޑޮނަލް ޑްރަމްޕް ވާދަކުރައްވަނި އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި ޖޯ ބައިޑަންއަށް މި އަހަރު ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުނީ އޭނާ ޕާޓިގެ މެމްބަރުންގެ ނުފޫޒު ގަދަކަމުންނެވެ. ރިޔާސީ އިންތިޚާބު ދޫކޮށްލެއްވުމަށް ބައިޑަންއަށް ކޮންމެވެސް ބަޔަކު މަޖުބޫރުކުރީ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
ރިޕަބްލިކަން ޕާޓީގެ ތެރެއިން ބައިޑަންއާ ދެކޮޅަށް ބަޣާވާތްކުރީ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. ބޮޑު ރޭވުމަކުން ރިޔާސީ ރޭހުން ބައިޑަން ބޭރުކުރެއްވީ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
ކެލިފޯނިއާގައި އޮތް ކެމްޕެއިން އެއްވުމެއްގައި ޓްރަމްޕް ވަނީ ސަޕޯޓަރުންނަށް ހިތްވަރުދެއްވައި ނޮވެމްބަރު ފަސްވަނަ ދުވަހަކީ އެމެރިކާ އަލުން މިނިވަންވާނެ ދުވަސް ކަމަށް ވިދާޅުވެފަ އެވެ.
ކަމަލާ ހެރިސް އަކީ އިގުތިސާދީ ގޮތުން އެއްވެސް އެއްޗެއް ދެނެވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ކަމަލާއަށް ވެރިކަން ލިބިއްޖެ ނަމަ ފިޔަވާރިވެރިން އެމެރިކާ ދޫކޮށް ދާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ސަރުކާރެއްގައި އެމެރިކާގެ ދުޝްމަނުންނެއް ނުތިބޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ވެރިކަން ލިބިވަޑައިގެންފި ނަމަ ދުނިޔޭގައި މިހާރު ހިންގަމުންދާ ހަނގުރާމަތައް ހުއްޓުވާނެ ކަމަށްވެސް ވިދާޅުވި އެވެ.