ފިނިޕޭޖް

ޔީޒީ ލައިންއިން އެޑިޑާސްއަށް 1.3 ބިލިއަންގެ ގެއްލުން

އަޑިޑާސް އިން ކާންޔޭ "ޔޭ" ވެސްޓްއާ އެކު އޮތް ޕާޓްނަޝިޕް މިދިޔަ އަހަރު ނިންމާލުމާ އެކު ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ބުނެފި އެވެ.

އެގޮތުން އަޑިޑާސްއަށް 1.3 ބިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެ އެވެ.

މިދިޔަ މަހު ނެރުނު ބަޔާނެއްގައި އަޑިޑާސްގެ ސީއީއޯ ބިޔޯން ގުލްޑަން ބުނީ މިދިޔަ އޮކްޓޯބަރު މަހު ކާންޔޭ، ޔަހޫދީންނާ ދެކޮޅަށް ދެއްކި ވާހަކަތަކާ ގުޅިގެން އޭނާއާ ގުޅުން ކަނޑާލުމަށްފަހު، ކާންޔޭއާ ގުޅިގެން ހެދި ޔީޒީ ލައިންގެ މިހާރު ހުރި ސްޓޮކަށް ނޭދެވޭ އަސަރުކޮށް، އެ ނުވިކޭ ކަމަށެވެ. އެހެންކަމުން އެ ކުންފުނި ޕާފޯމް ކުރަންޖެހޭ ގޮތަށް ޕާފޯމް ނުކުރާ ކަމަށެވެ.

މިދިޔަ ނޮވެމްބަރު މަހު އަޑިޑާސްގެ ތިންވަނަ ކުއާޓަރުގެ ތަފާސްހިސާބުތައް ހާމަކުރިއިރު، ޔީޒީ ލައިންގެ ހުރިހާ ޑިޒައިންތަކުގެ ރައިޓްސް އަކީ އަޑިޑާސްގެ މިލްކިއްޔާތެއްކަން ވަނީ ކަށަވަރުކޮށްފަ އެވެ. އަދި އެ ކުންފުނިން 2023 ގައި އެ ޑިޒައިންއަށް ބަދަލުގެންނާނެ ގޮތްތައް ބަލާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ. އެހެން ނަހަދައިފިނަމަ، އޮޕަރޭޓިން ލޮސް 750 މިލިއަން ޑޮލަރަށް އަރާނެ އެވެ.

ސީއީއޯ ގުލްޑަން ބުނީ 2023 ވަނަ އަހަރު އަޑިޑާސް ފައިދާވާ ކުންފުންޏަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ސަމާލުކަންދޭނީ ކޮންސިއުމަރުންނަށާއި އެތްލީޓުންނަށާއި ރީޓޭލް ޕާޓްނަރުންނަށާއި އަޑިޑާސްގެ މުވައްޒަފުންނަށް ކަމަށެވެ.

ޔަހޫދީންނާ މެދު ކާންޔޭގެ ނަފްރަތުން ފުރިގެންވާ ވާހަކަތަކާ ގުޅިގެން ޔީޒީ ލައިންގެ ހުރިހާ ތަކެތި އުފެއްދުން ހުއްޓާލައި، ކާންޔޭއަށް ޕޭމަންޓްތައް ހުއްޓާލައި، އަޑިޑާސްއިން ކާންޔޭއާ ވަގުތުން ގުޅުން ކަނޑާލިކަމަށް އިއުލާންކުރި އެވެ. އަދި އެފަދަ ނުރައްކާތެރި، ނަފްރަތުން ފުރިގެންވާ ބަސްތަކަކީ އަޑިޑާސް ގަބޫލުކުރާ އުސޫލުތަކާ ހިލާފު ކަމެއް ކަމަށާއި އެކަން އެއްވެސް ގޮތަކަށް ބަލައިނުގަނެވޭނެ ކަމަށްވެސް ބުންޏެވެ.

ކާންޔޭގެ ހައްސާސް ވާހަކަތަކާ ގުޅިގެން އަޑިޑާސްގެ އިތުރުން ގެޕް އާއި ބެލެންސިއާގާ ވެސް ވަނީ ކާންޔޭއާ އޮތް ޕާޓްނަޝިޕް އުވާލާފަ އެވެ. އަދި މިކަމާ ގުޅިގެން ކާންޔޭއަށް މާލީގޮތުން ގެއްލުން ލިބި، ބިލިއަނަރެއްގެ ދަރަޖައިން މިލިއަނަރަކަށް ބަދަލުވެފައިވެ އެވެ.