މޯލްޑިވްސް ޕޮލިސް ސާވިސް

އާސިރު އެންމެ ފަހުން ފެނުނީ އެއާޕޯޓުން: ޕޮލިސް

މާލެއިން ގެއްލިގެން ހޯދަމުން އަންނަ ސ. މަރަދޫފޭދޫ، ގަސްކަރަ، މުހައްމަދު އާސިރު އިސްމާއިލް (31އ)، ހޯދުމަށްޓަކައި ފުލުހުން މާލޭގެ ގިނަ ސަރަހައްދުތަކެއްގެ ސީސީޓީވީ ކެމެރާ ފުޓެޖް ބަލައިފި އެވެ.

ފުލުހުން ބުނީ އެ ފުޓެޖްތަކުން މި މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ 7:20 ހާއިރު ބޮޑުތަކުރުފާނުމަގު ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ހުދު ކުލައިގެ ޓެކްސީއަކަށް އާސިރު އަރާ މަންޒަރު ފެނިފައިވާ ކަމަށެވެ.

އެ ޓެކްސީ ގޮސް އެއާޕޯޓު ޓާމިނަލަށް މަޑުކުރުމާއިއެކު އާސިރު ޓާމިނަލަށް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަ ނަމަވެސް، އެއްވެސް އެއާލައިނަކުން އޭނާ ރާއްޖެއިން ބޭރަށް ނުވަތަ ރާއްޖޭގެ އެހެން ރަށަކަށް ވެސް ދިޔަކަން ފާހަގަނުވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މީގެ އިތުރުން އާސިރު ހޯދުމަށްޓަކައި މާލޭގެ އިތުރު ސަރަހައްދުތަކުގެ ސީސީޓީވީ ކެމެރާ ފުޓެޖްތަކާއި އެއާޕޯޓްގެ އިތުރު ސަރަހައްދުތަކުގެ ފުޓެޖްތައް ބެލުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. އަދި އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތައް މެދުވެރިކޮށް އޭނާ ހޯދުމުގެ މަސައްކަތްވެސް ފުލުހުން އަންނަނީ ކުރަމުންނެވެ.

އާސިރު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ މި މަހުގެ ފަސްވަނަ ދުވަހުއެވެ.

ގެއްލުނު އިރު އޭނާ ލައިގެން ހުރީ ނޫކުލައިގެ ޖީންސަކާއި ކަޅުކުލައިގެ ގަމީހެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަންވެސް ފުލުހުން ފާހަގަކޮށްފައިވެ އެެވެ.

ފުލުހުން ވަނީ އާސިރުއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ އެ މައުލޫމާތު ހިއްސާކުރުމަށް ވެސް އެދިފަ އެވެ.