އިސްލާމިކް މިނިސްޓްރީ

މުދަލު ޒަކާތް ދެއްކުން ހަރުދަނާ ކުރުމަށް ބިލެއް އޭޖީއަށް ވަނީ ފޮނުވާފަ: ޒާހިރު

މުދަލު ޒަކާތް ދެއްކުން ހަރުދަނާ ކުރުމަށް ބިލެއް ތައްޔާރުކޮށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަހުމަދު ޒާހިރު ވިދާޅުވީ ބިލު ލަހެއް ނުވެ މަޖިލީހަށް އަންނާނެ ކަމަށެވެ.

"މުދަލު ޒަކާތް ދެއްކުން ހަރުދަނާ ކުރުމަށްޓަކައި މިހާރު ސަރުކާރުން ބިލެއް ތައްޔާރުކޮށް ވާނީ އޭޖީއަށް ފޮނުވާފަ. އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ ބިލު ރައްޔިތުންގެ މަޖިލިހާ ހިސާބަށް އަންނާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" މިނިސްޓަރު ޒާހިރު ވިދާޅުވި އެވެ.

މިނިސްޓަރު ޒާހިރު ވިދާޅުވީ ގަދަކަމުން ޒަކާތް ނެގޭ ގޮތެއް ނޯންނަ ކަމަށެވެ.

"ޒަކާތް ދެއްކުން މި އޮންނަނީ އިހުތިޔަރީ ކަމެއްގެ ގޮތުގައި. އެއްވެސް ބޭފުޅެއްގެ އަތުން ގަދަކަމުން ނެގޭ އުސޫލެއް ނުއެއްއޮވޭ." މިނިސްޓަރު ޒާހިރު ވިދާޅުވި އެވެ.

މިނިސްޓަރު ޒާހިރު ވިދާޅުވި ގޮތުގައި ޒަކާތް ދައްކަނީ ބޭނުންވާ މީހެކެވެ.

"މިހާރުވެސް އޮންނަ އުސޫލަކީ ޒަކާތް މީހަކު ދައްކާފައި އެ ދެއްކި މިންވަރު މީރާއަށް ހުށަހެޅީމަ ޖީއެސްޓީގެ ގޮތުގައި ދައުލަތަށް އެ ދައްކަންޖެހޭ ބައި އުނިކޮށްފަ ބަލައިގަންނާނީ،" މިނިސްޓަރު ޒާހިރު ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި އުސޫލުގެ ތެރެއަށް އެކަން ހިމެނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ޒާހިރު ވިދާޅުވީ ޒަކާތު ފައިސާއިން ދައުލަތަށް އެއްވެސް ވަރެއް ދެވިފައިނުވާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ނިކަމެތިންނަށް އެހީތެރިވުމަށް ޒަކާތުން ހަރަދުކުރާ ކަމަށާއި އެގޮތުން ބޯންމެރޯ ޕްރޮގްރާމެއް މި ސަރުކާރުންވެސް ހިންގަމުންދާ ކަމަށް ވިދާޅުވި އެވެ.

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 91.5 މިލިއަން ރުފިޔާ ދައުލަތަށް ލިބުނެވެ.