މި ސަރުކާރު ވެރިކަމަށް އައި ފަހުން ފާއިތުވި އަހަރުތަކުގައި މަސްތުވާތަކެތީގެ ބޮޑު 30 މައްސަލައެއް ފެއިލްވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބޭރު މީހުން އަނބުރާ ފޮނުވާލެވޭ ގޮތަށް ހެދި ގަވައިދެއް ބަދަލު ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސްގައި އަލީ ހުސައިން ވިދާޅުވީ ފެއިލްވި ބޮޑު 30 މައްސަލައިގެ ތެރެއިން 21 މައްސަލަ ފެއިލްވީ ޗެއިން އޮފް ކަސްޓިޑީގެ މައްސަލައިގައި ކަމަށެވެ.
އެހެންކަމުން މިއީ ރާވައިގެން ޕްލޭން ކޮށްގެން ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށް އަލީ ހުސައިން ތުހުމަތު ކުރެއްވި އެވެ.
ގާނޫނު އަސާސީން ބޮޑު ކުށެއް ކަމަށް ކަނޑައަޅާފައިވާ ކުށްތައް ކުރާކަމަށް ތުހުމަތުވާ މީހުން ނުވަތަ ޝައްކުވާ މީހުންގެ މައްޗަށް ރާއްޖޭގެ ގާނޫނީ ނިޒާމް ތަންފީޒް ނުވާ ގޮތަށް ހަދާ ގަވައިދުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވަކީލުކަން ކުރުމުގެ ހުއްދަވެސް އޮންނަ އަލީ ހުސައިން ވަނީ ވިދާޅުވެފަ އެވެ.
"ފުރަތަމަ ކަމަކީ ރޯ ނުބައިކޮށް، ގޯސްކޮށް ގަވައިދެއް ހެދުން. ދެވަނަ ކަމަކީ އެ ގަވައިދައި މެދުގައި ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުން ހުއްޓުވުމަށްޓަކައި އަނެއްކާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މަސައްކަތް ކުރުން،" އަލީ ހުސައިން ވިދާޅުވި އެވެ.
އަލީ ހުސައިން ވިދާޅުވީ މި ގަވައިދު ހެދި މީހެއް ހޯދަން ޖެހޭ ކަމަށާއި އެއީ ސަރުކާރުގެ މީހެއްތޯ ބަލަން ނުޖެހޭނެ ކަމަށެވެ. އަދި މިވަރުގެ ޖަރީމާއެއް ހިންގާފައި ސަރުކާރު މީހަކަށް ވިޔަސް އެހެން މީހަކަށް ވިޔަސް ސަލާމަތް ނުވެވޭނެ ކަމަށްވެސް އަލީ ހުސައިން ވިދާޅުވި އެވެ.
އަލީ ހުސައިން އަކީ މި ސަރުކާރުގެ ކޯލިޝަންގެ ދެވަނައަށް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ.
މީގެ އިތުރުން މި މައްސަލަ ބަލަން ޖެހޭނީ ގަވައިދު ކޮމިޓީން ކަމަށް ގަބޫލު ނުކުރާ ކަމަށާއި މި މައްސަލަ ބަލަން ޖެހޭނީ ގައުމީ ސަލާމަތީ ކޮމިޓީން ކަމަށް އަލީ ހުސައިން ވަނީ ވިދާޅުވެފަ އެވެ.