ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދިނުން މާދަމާ ރޭ

Feb 15, 2023

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދިނުމުގެ ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ނިންމައިފި އެވެ.

މި ޖަލްސާ އޮންނާނީ މާދަމާ ރޭ 8:30 ގައި ދަރުބާރުގޭގަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ޖަލްސާގައި އިނާމު ދޭނީ ދައުލަތަށް ހިދުމަތްކުރުމުގެ އިނާމަށް މިދިޔަ އަހަރު ނަން ހުށަހެޅި ބޭފުޅުންގެ ތެރެއިން އިނާމު ދިނުމަށް ކަނޑައެޅި ބޭފުޅުންނަށެވެ.

އިނާމުގެ ގޮތުގައި އެބޭފުޅުންނަށް ދެއްވާ ޝަރަފުގެ ބެޖާއި ޝަރަފުގެ އައްޑަނަ ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

ދިވެހި ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރުމުގެ އިނާމަށް 2022 ވަނަ އަހަރު 113 ބޭފުޅަކު ނަން ހުށަހެޅުއްވި އެވެ. އިނާމަށް ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިހްލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމަށް 2021 ވަނަ އަހަރު ދޭން ފެށި އިނާމެކެވެ.