ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދައުލަތަށް ހިދުމަތްކުރެއްވި 86 ބޭފުޅަކަށް އައްޑަނަ ދެއްވައިފި

Feb 16, 2023

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަން ކުރައްވައި 86 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި އެވެ.

އެބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަން ދެއްވީ ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް 2022 ވަނަ އަހަރު ނަން ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން އިނާމު ދެއްވުމަށް ކަނޑައެޅުއްވި ބޭފުޅުންނަށް އިނާމު ދެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގަ އެވެ.

މިއީ ދިވެހި ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލުކަމާއި، އިހްލާސްތެރިކަމާއެކު ކުރައްވައިފައިވާ ހިދުމަތްތަކަށާއި، އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވާފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ 2021 ވަނަ އަހަރު ދެއްވަން ފެއްޓެވި ޝަރަފުވެރި އިނާމެކެވެ.

މިރޭ އިނާމު ލިބުނު ބޭފުޅުންގެ ތެރޭގައި 50 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅަކު ވެސް ހިމެނިވަޑައިގަތެވެ. އެ ބޭފުޅަކީ މއ. ބޮޑުގަލުމާފަތްގޭ ސޯބިރާ ވަހީދެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު މިރޭ ލިބުނު 86 ބޭފުޅުންގެ ތެރެއިން 25 ބޭފުޅުންނަކީ އަންހެން ބޭފުޅުންނެވެ. ދިވެހި ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު މިރޭ ލިބުނު ބޭފުޅުންގެ ތެރޭގައި، ދައުލަތުގެ އެކި މުއައްސަސާތަކުގައި އެކި ފެންވަރުގެ މަގާމުތައް ފުރުއްވައިފައިވާ ބޭފުޅުން ހިމެނެ އެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެއްވާނެ ބޭފުޅުން ކަނަޑައެޅުއްވުމުގެ މަސައްކަތް ކުރެއްވީ ގައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭގެ ޖަލްސާގައި ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިގެން ޝަރަފުގެ ބެޖާއި އައްޑަނަ ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް މަރުހަބާ އާއި ތަހުނިޔާ ދަންނަވާފަ އެވެ.