ކުޅިވަރު

މެލޭޝިއާގައި "ދިވެހިންގެ ފޯރި" އަލުން ދިރެނީ

ކޮވިޑްގެ އާލަމީ ވަބާގައި މުޅި ދުނިޔެ ތަޖުރިބާކުރީ އުނދަގޫ ދުވަސްތަކެކެވެ. ފުރަބަންދުގެ ހިތްދަތި ދުވަސްވަރު ގޭގައި ބަންދުފައި ތިބެން ޖެހުމުން އިޖުތިމާއީ ގުޅުންތަކަށް ބުރޫ އެރި އެވެ. އެއް ފަސްގަނޑެއްގައި ތިއްބަސް އެކަކު އަނެކަކާ އޮންނަ އެކުވެރި ގުޅުން ބަދަހިކުރުން ވީ އުނދަގޫ ކަމަކަށެވެ. މި ތަޖުރިބާ ކުރި އެއްބަޔަކީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ ގާތްގަނޑަކަށް ފަސް ހާހެއްހާ މީހުންނެވެ.

އެހެން ގައުމުތަކެކޭ އެއްގޮތަށް ކޮވިޑުގެ ދުވަސްވަރު މެލޭޝިއާގައި ވެސް ހަރުކަށި ފިޔަވަޅުތަކެއް އެޅި އެވެ. ކޮވިޑަށް ފަހު އެގައުމު އާއްމު ދިރިއުޅުމަށް ރުޖޫއަވީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. އޭރު ދިރިއުޅުމުގެ ގިނަ ކަންކަމަށް ހުރީ ބަދަލު އައިސްފަ އެވެ. ހާއްސަކޮށް މެލޭޝިއާގައި ދިވެހިން އެކުވެގެން ހިންގަމުން އައި ހަރަކާތްތައް އޮތީ ހުއްޓިފަ އެވެ. ބަދަލުވެގެން ދިޔަ ކޮންމެ ކަމެއް އަލުން ވުޖޫދުކުރުމަށް ޖެހުނީ އިތުރު ހިތްވަރެއްލާށެވެ. އެހެންވެ، މެލޭޝިއާގައި ތިބި ދިވެހިންގެ މެދުގައި އެކުވެރިކަމާއި އާއިލީ އުފާވެރި ވެއްޓެއް ގާއިމްކުރުމުގެ މަސައްކަތް އެގައުމުގެ ވެރިރަށް ކުއަލަލަމްޕޫރުގައި ދިރުއުޅޭ ދިވެހިންގެ ގްރޫޕަކުން ފެށި އެވެ.

މި މަސައްކަތުގެ ދަށުން "ދިވެހިންގެ ފޯރި" ނަމުގައި ގްރޫޕެއް އުފައްދައި ދަރުމަވެރި މަސައްކަތްތަކެއް ކުރަން ފެށި އެވެ. އެންމެ ބޮޑު އަމާޒަކަށް ހެދީ ކުރިއެކޭ އޮތްގޮތަށް ދިވެހިންގެ ބައިވެރިވުން ހިމެނޭ ހަރަކާތްތައް ފުޅާކޮށް އެ ފޯރި އާއި ޖޯޝު އަލުން ގެނައުމެވެ.

"ކޮވިޑުގެ ދުވަސްވަރު މިތަނުގައި ތިބި ކިޔަވާ ކުދިންނާއި އާއިލާތަކަށް ކުރިމަތިވީ އުނދަގޫ ދުވަސްތަކެއް. އެހެންވެ އޭރު އެކަންކަން ބަދަލުކުރުމުގެ މަޝްވަރާތައް ފެށިގެން ދިޔައީ. ބޭނުންވީ ގައުމުން ބޭރުގައި އުޅުނަސް މިތަނުގައި ދިރިއުޅޭ ދިވެހިންނަށް އުފާވެރި މާހައުލެއް ގާއިމްކޮށްދޭން" ގްރޫޕުގެ އިސް މެމްބަރަކު، މަސައްކަތް ފެށިގެން އައިގޮތް ކިޔައިދެމުން ބުންޏެވެ.

އެ ގްރޫޕުގެ މެދުގައި މަޝްވަރާތައް ކުރުމަށް ފަހު ފުރަތަމަ ހަރަކާތް ބޭއްވީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. އޭރުވެސް ކޮވިޑުގެ ހުރަސްތައް ކޮންމެވެސް ވަރަކަށް ކުރިމަތިވި އެވެ. އެކަމަކު ފުރަތަމަ ބޭއްވި ފުޓްސަލް އިވެންޓް ދިޔައީ ހީކުރި ވަރަށްވުރެ ފޯރިގަދަކޮށެވެ. ކޭއެލްގައި ދިރިއުޅޭ ގިނަ އަދަދެއް ދިވެހިން މި އިވެންޓުގައި ބައިވެރިވި އެވެ.

"ދިވެހިންގެ ފޯރި ގްރޫޕުގެ އިސްނެގުމާ އެކު ބޭއްވި ފުރަތަމަ ހަރަކާތުން ވެސް އެނގުނު މިކަމުގެ މުހިއްމުކަން. ހީވެސް ނުކުރާ ވަރަށް ދިވެހިން ބައިވެރިވި. އެ ހަރަކާތް ނިންމާލި މާހެފުމުގައި ވެސް ދިވެހި ކޮމިއުނިޓީ ބައިވެރިވި. އެހެންވެ އިތުރު ހަރަކާތްތައް ހިންގުމުގެ ހިތްވަރު ލިބުނު" މިދިޔަ އަހަރުގެ އިވެންޓަށް ފަހު މަސައްކަތް އިތުރަށް ފުޅާކުރި ގޮތް ކިޔައިދެމުން ގްރޫޕުގެ މެމްބަރު ބުންޏެވެ.

އަލުން އުފަންވި ފޯރިއާ އެކު ދިވެހިންގެ މެދުގައި މިއަހަރު ގިނަ ހަރަކާތްތަކެއް ހިންގުމަށް އެ ގްރޫޕުން ވަނީ ނިންމާފަ އެވެ. މިއަހަރުގެ ބޮޑު ފުރަތަމަ ހަރަކާތް ކުރިއަށްގެންދިޔައީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އެދުވަހު އޮތީ ފިރިހެން އަދި އަންހެން ފުޓްސަލް މުބާރާތެކެވެ. ފިރިހެން ފުޓްސަލް މުބާރާތުގައި 10 ޓީމު ވާދަކުރިއިރު އަންހެން ފުޓްސަލް މުބާރާތް ކުރިއަށްދިޔައީ ފަސް ޓީމާ އެކު އެވެ.

މުބާރާތް ކުރިއަށްގެންދިޔައީ ސަޕޯޓަރުންގެ ބައިވެރިވުމާ އެކު އެވެ. ފުޓްސަލްގެ ކާމިޔާބީ ހޯދި ޓީމުތަކަށް ފައިސާގެ އިނާމު ދިނުމުގެ އިތުރުން ސަޕޯޓަރުންގެ މެދުގައި ވެސް ގުރުނަގައި ނަސީބުވެރިންނަށް އިނާމު ދިނެވެ. މި ހަރަކާތުގައި ގާތްގަނޑަކަށް 10000 މެލޭޝިއަން ރިންގިޓް އިނާމުގެ ގޮތުގައި ދިވެހިންނަށް ވަނީ ދީފަ އެވެ.

"އަހަރުގެ ފުރަތަމަ ހަރަކާތް ދިޔައީ ވަރަށް ކާމިޔާބުކޮށް. ގިނަ ދިވެހިން އެއްތަނަކަށް ޖަމާވެ ވަރަށް އުފާވެރި ވަގުތުތަކެއް ހޭދަކުރި. އެފަދަ މާހައުލެއް ގާއިމްކޮށްދެވުމަކީ މި ގްރޫޕަށް ލިބޭ ވަރަށް ބޮޑު އުފަލެއް"

ދިވެހިންގެ ފޯރި ގްރޫޕުން ބުނީ މުޅި އަހަރަށް ބަހާލައިގެން އިތުރު ހަރަކާތްތައް ތާވަލުކޮށްފައިވާކަމަށެވެ. މިގޮތުން ދިވެހިންގެ މެދުގައި، ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތެއް ކުރިއަށް ގެންދިއުމާއި، ހާއްސަ މުނާސަބަތުތައް ފާހަގަކުރުމާއި މުނިފޫހިފިލުމުގެ އެކި ހަރަކާތްތައް މިއަހަރަށް ވަނީ ރާވާފަ އެވެ.

މެލޭޝިއާގައި ތިބޭ ދިވެހިންނަކީ ކިޔެވުމާއި އާއްމު ދިރިއުޅުމުގެ އިތުރުން އެކުވެރި މާހައުލެއްގައި އިތުރު ހަރަކާތްތަކަށް އަބަދުވެސް ލޯބިކުރާ ބައެއްކަން ދިވެހިންގެ ފޯރި ގްރޫޕުން ގަބޫލުކުރެ އެވެ. އެހެންވެ އެ އުފާވެރި ދުވަސްތައް އަނބުރާ ގެނެވުމަކީ ގްރޫޕުގެ މެމްބަރުނަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ.

އެ ގްރޫޕުގެ އެންމެ ބޮޑު ބޭނުމަކީ އަމިއްލަ ފަސްގަނޑު ދޫކޮށް އެހެން ގައުމެއްގައި ދިރިއުޅުނަސް "ދިވެހިން، ދިވެހިންނާ އެކު" ތިބޭކަން އަބަދުވެސް ހަނދާންކޮށް، އެ ފުރުސަތު މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ހޯދައިދިނުމެވެ.