އަބްދުﷲ ޝާހިދު

ރައީސް، އިންތިހާބު ނަގާނީ ގަދަކޮށް: ޝާހިދު

Feb 17, 2023
2

ކުރިއަށް ރިޔާސީ އިންތިހާބު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކާމިޔާބު ކުރައްވާނީ "ގަދަކޮށް" ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ދެވަނަ ދައުރަކަށް ދިވެހި ރައްޔިތުން ހޮވަންނުޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ރައީސް ސޯލިހް ނިސްބަތްވާ ޅ. ހިންނަވަރު، ނޫރާނީއާގެއަށް ނިސްބަތް ކުރައްވާ މިނިސްޓަރު ޝާހިދު ވިދާޅުވީ ރައީސް ސޯލިހް ރިޔާސީ ދެވަނަ ދައުރަކަށް ހޮވަންޖެހެނީ ގައުމަށް މިނިވަން "ނޫރާނީ" ދުވަސްތަކެއް ގެނައުމަށް ކަމަށެވެ.

ޝާހިދުގެ ވާހަކަފުޅުގައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގާދިޔަ ބައެއް ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ވިދާޅުވީ އެ ވެރިކަމުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގާނޫނުއަސާސީއާ ހިލާފަށް މެންބަރު ކަމުން ވަކިކޮށް، ސަލާމަތީ ބާރުތައް ބޭނުންކޮށްގެން "ބޮޑުކަންނެލި އުކާހެން" މެންބަރުން "އުކާލި" ކަމަށެވެ. ނަމަވެސް ރައީސް ސޯލިހް ވެރިކަމުގައި މަޖިލީހަށް ފުރިހަމަ ބާރުދީ "ނޫރާނީ" ސިފަ ގެނެސްފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައި، އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރުން ގެންގޮސް ކުޑަގޮޅިއަށްލީ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. ނަމަވެސް މިވެރިކަމުގައި ޝަރުއީ ދާއިރާއަށް ފުރިހަމަ މިނިވަންކަން ދީފައިވާ ކަމުގައި ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ރައީސް ޔާމީންގެ "އަނިޔާވެރި، ޖައްބާރު" ވެރިކަމުގައި ގާނޫނުއަސާސީ ހަރާބުކޮށްލި ކަމަށެވެ. ދިވެހިންނަށް އަލުން ދިވެހި ގައުމު ހޯދައިދީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލް ޔަގީންކޮށްދިނީ ރައީސް ސޯލިހް ކަމަށްވެސް ވިދާޅުވި އެވެ. ރައީސް ޔާމީން ކުރެއްވި ކަމަކީ ގާނޫނުއަސާސީ އިސްލާހުކޮށް ފަޅުތަކާއި ރަށްތަކާއި އަތޮޅުތައް ވިއްކާލުން ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ދައުލަތެއްގެ ސިފަ ކަނޑުވާލި ކަމަށެވެ.

"ގައުމަށް އައި މިނިވަން ނޫރާނީ ދައުރުން މިހަނދާން އާކުރަނީ. އަޅުގަނޑުމެން މިއަދު ރާއްޖޭގެ އެންމެހާ ރައްޔިތުން ނިކުމެ މިތިބީ ގައުމަށް އައި މިނިވަން ނޫރާނީ ދައުރުން ހަނދާންއާކުރުމަށް. އަޅުގަނޑުމެން މިއަދު ހަނދާން އާކުރަމުން މިދަނީ ދައުލަތެއްގެ ސިފަ އަޅުގަނޑުމެންގެ މި ގައުމުގައި ޖެހެމުންދާ ދިއުން." ޝާހިދު ވިދާޅުވި އެވެ.

ރައީސް ސޯލިހްގެ ވެރިކަމުގައި ރައްޔިތުންނަށްޓަކައި ކޮށްދެއްވަމުން ގެންދަވާ ބައެއް ކަންކަން ފާހަގަކުރައްވާ ޝާހިދު ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ.

ޝާހިދު ވިދާޅުވީ ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ 70 ޕަސަންޓް ރަށުގައި ފެނާއި ނަރުދަމާ ނެތް ކަމަށެވެ. ނަމަވެސް ރައީސް ސޯލިހްގެ މިދައުރު ނިމުމުގެ ކުރިން ރައްޔިތުން ފެންވަރާނީ އަދި ބޯނީ ސާފު ބޯފެން ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހްގެ ވެރިކަމުގައި ރާއްޖޭގެ ހުރިހާ ރަށެއް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބުކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ އާރްޓީއެލް ފެރީތަކުގައި 150،000 މީހުން ދަތުރުކޮށްފައިވާ ކަމަށެވެ. ރައީސް ސޯލިހްގެ ވެރިކަމުގައި 20،000 ވަޒީފާ މުޅިން އަލަށް އުފައްދާފައިވާ ކަމަށާއި އަދި މިވެރިކަމުގައި ތައާރަފްކުރި މިނިމަމް ވޭޖުގެ ފައިދާ 33،500 މީހުންނަށް ސީދާ ގޮތެއްގައި ލިބެމުންދާ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ތައުލީމީ ޖީލެއް ބިނާކުރުމަށް ރައީސް ސޯލިހްގެ ވެރިކަމުގައި ތައާރަފްކުރި ހިލޭ ޑިގްރީ ޕްރޮގްރާމުގައި މިހާތަނަށް 16،500 ދަރިވަރުން ބައިވެރިވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ރައީސް ސޯލިހާ އެކު މިގައުމު ކުރިއަށްދާނީ "ރަންރީދޫ" ފަތުރަމުން ގަދަވަމުން ކަމަށެވެ. އަދި ރައީސް ސޯލިހް އިންތިހާބު ކާމިޔާބު ކުރައްވާނީ ގަދަކޮށް ކަމަށްވެސް ވިދާޅުވި އެވެ.