ހަބަރު

އެލްޖީއޭގެ ސީއީއޯގެ މަގާމަށް ފާރޫގް ހަމަޖައްސައިފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ފާރޫގް މުހައްމަދު ހަސަން ހަމަޖައްސައިފި އެވެ. މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މި މަގާމަށް ހަމަޖެއްސީ އިއްޔެ ބޭއްވި އެލްޖީއޭގެ މި އަހަރުގެ ފުރަތަމަ ބޯޑު ބައްދަލުވުމުގަ އެވެ.

ދ. ކުޑަހުވަދޫ އަށް އުފަން ފާރޫގަކީ ބެލްޖިއަމްގެ ބްރަސަލްސްގައި 1993 ވަނަ އަހަރު އިންޖިއަނިރިން އިން ވޯޓާ ރިސޯސް ޓެކްނޮލޮޖީ ދާއިރާއިން މާސްޓަސް ހައްދަވާފައިވޭ ބޭފުޅެކެވެ. އޭނާ ފުރަތަމަ ޑިގްރީ ހާސިލްކުރެއްވީ 1987 ވަނަ އަހަރު ސައޫދީ އަރަބިއާގެ ޖިއްދާ ޔުނިވަސިޓީންނެވެ. އަދި މާސްޓާސް ހެއްދެވުމުގެ ކުރިން އެމަނިކުފާނު ވަނީ ބެލްޖިއަމްގައި 1992 ވަނަ އަހަރު ޕޯސްޓް ގްރެޖުއޭޓް ވެސް ހާސިލްކުރައްވާފަ އެވެ.

ހިންގުމުގެ ދާއިރާގައި ވެސް ފާރޫގު ވަނީ ގިނަ ތަޖުރިބާތަކެއް ހާސިލް ކުރައްވާފަ އެވެ. އެންމެ ފަހުން ހުންނެވީ ރިއޯލޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ސީނިއާރ މެނޭޖަރ، ޕްރޮޖެކްޓް ޑިވެލޮޕްމަންޓްގެ މަގާމުގަ އެވެ. އޭގެކުރިން ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި މިނިސްޓްރީން އޮފް ހޯމް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ކަމާއި ހެލްތް މިނިސްޓްރީގެ ޑިޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވާފައިވެ އެވެ.

މީގެ އިތުރުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑިޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމާއި އެންވަޔަރަންމަންޓް ރިސާޗް ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޑިރެކްޓަރު މަގާމުގެ އިތުރުން ސަރުކާރުގެ އިސްމަގާމުތައް ފާރޫގް ވަނީ އަދާކުރައްވާފަ އެވެ.

ލޯކަލް ގަވަރމަންޓް އޮތޯރީޓީގެ ސީއީއޯގެ މަގާމު ހުސްވީ ފާއިތުވެދިޔަ ހަތަރު އަހަރު އެ މަގާމުގައި ހުންނެވި ޑރ. އަހުމަދު ޝުކުރީ ހުސައިން މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު އިސްތިއުފާ ދެއްވުމުންނެވެ.