ޖުމްހޫރީ ޕާޓީ

ޖޭޕީގެ ލީޑަރަކަށް ގާސިމު، ނައިބަކަށް ނަހްލާއާއި އިތުރު ބޭފުޅުން

Feb 18, 2023
1

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ކަމަށް އިތުރު ދައުރަކަށް ގާސިމް އިބްރާހިމް ކުރިމަތިލައްވައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވީ ޖޭޕީގެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިއަދު 12:00 ޖެހިިއިރު ހަމަވެފައިވާއިރު ލީޑަރު ކަމަށް ގާސިމު ފިޔަވާ އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާ ކަމަށެވެ.

ޖޭޕީގެ ނައިބް ލީޑަރު ކަމަށް ކިތައް ބޭފުޅުން ކުރިމަތިލެއްވިތޯ އެހުމުން އަލީ ސޯލިހް ވިދާޅުވީ ނައިބް ލީޑަރުންގެ ވާދަވެރިކަން މިފަހަރު ވަރަށް ބޮޑު ކަމަށެވެ.

"މިއީ ޖޭޕީގެ ތާރީހުގައިވެސް ޑެޕިއުޓީ ލީޑަރު ކަމުގެ ވާދަވެރިކަން އެންމެ ބޮޑުވި ފަހަރު. ޖޭޕީގައި އެންމެ ކުރިން ފެށިގެން މިއަދާ ހަމައަށް ދެގޮތެއް ނުވެ ތިއްބެވި ބޭފުޅުންނާއި ޖޭޕީއާ ތަންކޮޅެއް ފަހުން ގުޅިވަޑައިގެންނެވި ބޭފުޅުންނާއި އަދި ސަރުކާރުގައި ތިއްބެވި އިސް ބައެއް ބޭފުޅުން ވެސް ނައިބް ލީޑަރުންގެ މަގާމަށް ކުރިމަތިލައްވާފައިވޭ. އެކަމަކު އެ އަދަދުތައް އަޅުގަނޑަށް އަދި ސާފުކޮށް އެނގިފައެއް ނުވޭ،" އަލީ ސޯލިހް ވިދާޅުވި އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ޖޭޕީގެ ނައިބް ލީޑަރު ކަމަށް ކުރިމަތިލައްވާފައިވާ 12 ބޭފުޅުންގެ ތެރޭގައި ގާސިމުގެ އަނބިކަނބަލުން އަދި މިހާރުގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާއާއި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް ހިމެނެ އެވެ. މީގެއިތުރުން ޖޭޕީގެ ނައިބް ރައީސް އަހްމަދު ސައުދުއާއި، އިމިގްރޭޝޥަން ކޮންޓްރޯލަ މުހައްމަދު އަހްމަދު (ހަނަފީ) އާއި ސްޓެލްކޯގެ ކުރީގެ އެމްޑީ އަދި މިހާރުގެ ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ އާއި އެމްޓީސީސީގެ ކުރީގެ ޗެއާމަން އިގުބާލް އަހްމަދު ހިމެނެ އެވެ. އަދި ކުރީގެ މަޖިލިސް މެންބަރުން ކަމަށްވާ ހަސަން ޝާހް އާއި އަބްދުﷲ އަހްމަދާއި ޝައިހް މޫސާ ނިޒާރު ވެސް ޖޭޕީގެ ނައިބް ލީޑަރު ކަމަށް ކުރިމަތިލެއްވި އެވެ.

ޖޭޕީގެ ކޮންގްރެސްގައި ޕާޓީގެ ލީޑަރާއި ފަސް ނައިބް ލީޑަރުންނާއި އަދި ޖޭޕީގެ ކައުންސިލަށް 25 ބޭފުޅަކު ހޮވާނެ އެވެ.

ޖޭޕީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 އިން 25 އަށް މާލޭގަ އެވެ.

ޖޭޕީގެ އަސާސީ ގަވައިދު މިހާރު އޮތް ގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ޕާޓީގެ ލީޑަރެވެ. ޖޭޕީ އުފެއްދި ފަހުން އެ ޕާޓީގެ ލީޑަރަކަށް ހުންނެވީ ގާސިމް އިބްރާހީމް އެވެ.