އެންސީއައިޓީ

ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތަޖުރިބާކުރަން ހުޅުވާލަނީ

Feb 18, 2023

"ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑު" ތަޖުރިބާކުރަން ފުރުސަތު އާންމުންނަށް ހުޅުވާލުމަށް ނިންމައިފި އެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ޓެސްޓް މަރުހަލާގައި 500 މީހުންނަށް ޑިޖިޓަލް އައިޑީކާޑު ތަޖުރިބާކުރަން ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

އެއަށްފަހު ރަނގަޅުކުރަން ހުރިކަންކަން ރަނގަޅު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އީފާސް އެޕްލިކޭޝަން މެދުވެރިކޮށް ޑިޖިޓަލް އައިޑީކާޑު ތަޖުރިބާކޮށްލަން ހުޅުވާލާއިރު، ޑިޖިޓަލް އައިޑެންޓިޓީ ކާޑް އަންނަ މަހު ތައާރަފުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

އަލަށް ބޭނުންކުރަން ފަށާ ޑިޖިޓަލް އައިޑެންޓިޓީ ކާޑަކީ ސެކިއުރިޓީ ފީޗާތައް ގިނަ ކާޑެކެވެ.

ޑިޖިޓަލް އައިޑެންޓިޓީ ނިޒާމަކީ ނެޝަނަލް ރެޒިއަންސް އެންޑް ރިކަވަރީ ޕްލޭންގައި ހިމެނޭ ނިޒާމެކެވެ.

މި ނިޒާމުގެ ދަށުން އައިޑެންޓިޓީގެ ވެރިފަރާތް ބާރުވެރިކުރުވުން ހިމެނެ އެވެ. އަދި އައިޑެންޓިޓީގެ ވެރިފަރާތާއި ގުޅުންހުރި ރަސްމީ މައުލޫމާތު އެފަރާތެއްގެ ރުހުމާއެކު ފޯރުކޮށްދޭ ޕްލެޓްފޯމެއް ގާއިމުކުރަން ހިމެނެ އެވެ.

ޑިޖިޓަލް އައިޑެންޓިޓީ ޕްރޮޖެކްޓްގެ ތެރެއިން ހާސިލްވާނެ ކަންކަމުގެ ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމެއް ގާއިމުކުރުމާއި، ސްމާޓް ފޯނުތަކުގައި ބޭނުންކުރެވޭ ޑިޖިޓަލް އައިޑެންޓިޓީ އެޕްލިކޭޝަނެއް ތައާރަފްކުރުމާއި ބަޔޯ މެޓްރިކް އައިޑެންޓިޓީގެ ނިޒާމެއް ގާއިމުކުރުމާއި ކޮންޓެކްޓްލަސް ސްމާޓް އައިޑެންޓިޓީ ކާޑެއް ތައާރަފުކުރުން ހިމެނެ އެވެ.