އެންސީއައިޓީ

531 މީހުންނާއެކު ޑިޖިޓަލް އައިޑީ ކާޑު ޓެސްޓުކުރަން ފަށައިފި

"ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑު" ޓެސްޓްކުރުމުގެ ގޮތުން 531 މީހަކަށް ފުރުސަތު ދީފި އެވެ.

ޑިޖިޓަލް އައިޑީ ކާޑު ޓެސްޓު ކުރުމުގެ ގޮތުން އާންމުކޮށް ފުރުސަތު ހުޅުވާލި އެވެ.

އީފާސް މެދުވެރިކޮށް ޑިޖިޓަލް އައިޑީ ކާޑު ޓެސްޓްކުރަނީ އާންމުންގެ ތެރެއިން 500 މީހުންނާއި ހައި ޕްރޮފައިލް 31 މީހުންނާއެކު އެވެ. ޓެސްޓް މަރުހަލާގައި ބޭނުންކުރަނީ އެންޑްރޮއިޑް ޑިވައިސްތަކެވެ.

ޑިޖިޓަލް އައިޑީ ކާޑު ޓެސްޓްކުރަން ހުޅުވާލީ އެއް ފަހަރާ ގިނަ ބަޔަކު މި ހިދުމަތް ބޭނުންކުރަން ފެށުމުން އަންނާނެ ބަދަލުތަކާއި ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަތުމަށެވެ.

ޑިޖިޓަލް އައިޑީ ކާޑު އަންނަ މަހު ތައާރަފު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

އަލަށް ބޭނުންކުރަން ފަށާ ޑިޖިޓަލް އައިޑެންޓިޓީ ކާޑަކީ ސެކިއުރިޓީ ފީޗާތައް ގިނަ ކާޑެކެވެ.

ޑިޖިޓަލް އައިޑެންޓިޓީ ނިޒާމަކީ ނެޝަނަލް ރެޒިއަންސް އެންޑް ރިކަވަރީ ޕްލޭންގައި ހިމެނޭ ނިޒާމެކެވެ.

މި ނިޒާމުގެ ދަށުން އައިޑެންޓިޓީގެ ވެރިފަރާތް ބާރުވެރިކުރުވުން ހިމެނެ އެވެ. އަދި އައިޑެންޓިޓީގެ ވެރިފަރާތާއި ގުޅުންހުރި ރަސްމީ މައުލޫމާތު އެފަރާތެއްގެ ރުހުމާއެކު ފޯރުކޮށްދޭ ޕްލެޓްފޯމެއް ގާއިމުކުރަން ހިމެނެ އެވެ.

ޑިޖިޓަލް އައިޑެންޓިޓީ ޕްރޮޖެކްޓްގެ ތެރެއިން ހާސިލްވާނެ ކަންކަމުގެ ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމެއް ގާއިމުކުރުމާއި، ސްމާޓް ފޯނުތަކުގައި ބޭނުންކުރެވޭ ޑިޖިޓަލް އައިޑެންޓިޓީ އެޕްލިކޭޝަނެއް ތައާރަފްކުރުމާއި ބަޔޯ މެޓްރިކް އައިޑެންޓިޓީގެ ނިޒާމެއް ގާއިމުކުރުމާއި ކޮންޓެކްޓްލަސް ސްމާޓް އައިޑެންޓިޓީ ކާޑެއް ތައާރަފުކުރުން ހިމެނެ އެވެ.