ޖަޒީރާ ރާއްޖެ ރައްޔިތުން ހިތްހަމަޖެހޭފަދަ ތަނަކަށް ހެދޭނީ ކައުންސިލްތަކަށް އިގްތިސާދީ ފުދުންތެރިކަން ލިބިގެން ކަމަށާއި، މިޒަމާނަކީ މައުލޫމާތު ޒަމާނަކަށް ވުމުން، މައުލޫމާތު ތަކަކީވެސް އޭގެ ޒާތުގައި އިގްތިސާދެއް ކަމެއް ސައިންސް އެންޑް ޓެކްނެލޮޖީ މިނިސްޓަރި މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ 100 ދުވަހުގެ ވައުދެއް ކަމަށްވާ ރާއްޖޭގެ ރަށްތަކުގެ މައުލޫމާތު ލިބޭގޮތަށް ހާއްސަކޮށްގެން އުފައްދާ ވެބް ސައިޓް "އައިލެންޑްސް. އެމްވީ" އިފްތިތާހު ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު މަލީހު ވިދާޅުވި، މިރޭ އިފްތިތާހު ކުރެވުނު ވެބް ސައިޓުން ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާ ވެގެންދާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވި "އައިލެންޑް އެމްވީ" ވެބް ސައިޓުގައި ރާއްޖޭގެ ހުރިހާ ރަށަކާ ބެހޭ މައުލޫމާތު ހުންނާނެ ކަމަށެވެ. .
އެގޮތުން އެރަށެއްގައި ހުރި ގެސްޓް ހައުސްތަކުގެ މައުލޫމާތާއި، ވޯޓާ ސްޕޯޓްސްގެ މައުލޫމާތައި، ރަށުގެ ގުދުރަތީ ވަސީލަތްތަކުގެ މައުލޫމާތާއި، އާސާރީ ތަންތަނުގެ މައުލޫމާތުގެ އިތުރުން އެރަށެއްގައި ހުންނަ ރެސްޓޯރެންޓު ތަކުން ލިބެން ހުންނަށް ކެއުމުގެ ބާވަތްތަކުގެ މައުލޫމާތު ލިބެން ހުންނާނެ ކަމަށެވެ. އަދި މިހުރިހާ މައުލޫމާތު ވެބް ސައިޓުގައި ހިމަނައިފައިވުމުން ރިސޯޓުތަކުގެ ބަދަލުގައި ރަށްރަށް އަންނަށް ބޭނުންވާ ފަތުރުވެރިޔާ ރަށާއި ބެހޭގޮތުން އިގެން ބޭނުންވާ ހުރިހާ މައުލޫމާތެއް ލިބެން ހުންނާނެ ކަމަށެވެ
މަލީހު ވިދާޅުވީ، ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން އެންޑް ޓެކްނެލޮޖީ (އެންސީއައިޓީ)އިން ކުރި ދިރާސާއަކުން ރާއްޖޭގެ ރަށްރަށައް ހާއްސަ އެއްވެސް ވެބް ސައިޓެއް ނެތްކަން ދިރާސާއިން އެގުނު ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިޔާ ރިސޯޓުތަކަށް ދާން މަޖުބޫރުވާ ކަމަށެވެ. އޭނާ ވިދާޅުވީ އަލަށް ތައާރަފް ކުރެވުނު ވެބް ސައިޓުގައި ރަށްތަކާ ބެހޭގޮތުން ހުރިހާ މައުލޫމާތެއް ހިމަނައިފައިވުމުން ލޯކަލް ޓޫރިޒަމް ފުޅާވެ، އަދި ރަށްތަށް ރޭޓު ކުރެވޭނެ ގޮތް ވެބް ސައިޓުގައި ހުރުމުން ރަށްތަކުގެ މެދުގައި ވިޔަފާރި ވާދަވެރިކަން އުފެދި، ރައްޔިތުންގެ ޖީބަށް ވަންނަށް ޑޮލަރުގެ އަދަދު ގިނަ ވެގެން ދާނެ ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ، "އައިލެންޑްސް އެމްވީ" ވެބް ސައިޓު އެންސީއައިޓީން ހޯސްޓް ކުރި ނަމަވެސް ވެބް ސައިޓު ބެލެހެއްޓުން އެއްކޮށް އެރަށެއްގެ ކައުންސިލްތަކަށް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމީ ރައީސް ސޯލިހުގެ ސިޔާސަތު ކަމަށްވާ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ. މިނިސްޓަރު މަލީހު ވިދާޅުވީ، ވެބް ސައިޓު ބެލެހެއްޓުމުގެ މަސައްކަތް ކައުންސިލްތަކާ ހަވާލުކުރާއިރު، އެންސީއައިޓީގެ ފަރާތުން ހުރިހާ ރަށެއްގެ ކައުންސިލްތަށް އެކަމަށް ތަމްރީނު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މަލީހު ވިދާޅުވީ، ސައިންސް އެންޑް ޓެކްނެލޮޖީގެ މިނިސްޓްރީން ދަނީ ހިދުމަތް ހޯދަން ސަރުކާރު އިދާރާތަކުގެ ކުރިމަތީގައި ކިޔު ހެދުން، މަޒީކޮށް ސަރުކާރުން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް އޮންލައިން ކޮށް ދެވޭނެ "އީ-ގަވަމެންޓް" ނިޒާމެއް ތައާރަފް ކުރުމުގެ މަސައްކަތްވެސް ކުރަމުން ކަމަށެވެ.