ރާއްޖޭގެ ގާނޫނުތަކުގެ ތެރެއަށް ވަރަށް އަވަހަށް ސައިބާ ގާނޫނު ވެސް އިތުރުވާނެ ކަމަށް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލް ވިދާޅުވެެއްޖެ އެވެ.
ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކުރާ ދުވަސްއާ ގުޅިގެން އިއްޔެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ (އެމްސީއެސްޓީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މަލީހު ވިދާޅުވީ ސައިބާ ގާނުނާ ބެހޭ ބިލެއް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަން ފޮނުވަން ނިންމާފައިވާ ކަމަށެވެ. އަދި އޭޖީ އޮފީހަށް ފޮނުވާ ޑްރާފްޓް ބިލުގައި އެބިލާ ގުޅޭ ޖަލްސާ ކުރިއަށް ގެންދަން އެ މިނިސްޓްރީން ބޭނުންވާ ތާރިހު ވެސް ހިމަނާފައިވާނެ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މަލީހު ވިދާޅުވީ، ސައިބާ ގާނޫނު ވުޖޫދަށް އަންނައިރު، އަންނާނީ ރެގިއުލޭޓް ކުރެވޭނެ ނިޒާމަކާއެކު ކަމަށާއި، ސައިބާ ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ފަދަ ގޮތަކަށް ކަމަށެވެ. އޭނާ ވިދާޅުވީ ގާނޫނު ފާސްވެގެންދާނީ ޑިޖިޓަލް ސިގްނޭޗާ، ޑާޓާ ޕްރައިވެސީ ގާނޫނު އަދި ޓެލެކޮމިނިކޭޝަން އާ ބެހޭ މިހާރުގެ ގާނޫނަށް ބަދަލެއް ގެންނަން ޖެހިޖެއްނަމަ އެކަން ކުރެވޭނެ އިސްލާހާ އެކު ކަމަށެވެ.
ރާއްޖެއަށް ޓެކްނޮލޮޖީ ބޮޑެތި ކުންފުނިތަށް ނެތުމުގެ ސަބަބަަކަށް މަލީހު ވިދާޅުވީ ރާއްޖޭގެ ގާނޫނީ އޮނިގަނޑު އެހީސާބަށް އަދި ގޮސްފައި ނެތުމުން ކަމަށެވެ. އޭނާ ވިދާޅުވީ ގިނަ ޒުވާނުންގެ ޝަކުވާއަކީ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި "އެޕަލް އިންކް"ގެ ފުރިހަމަ ހިދުމަތް ރާއްޖެއިން ނުލިބުން ކަމަށެވެ.
މަލީހު ވިދާޅުވީ މާލޭ ސަރަހައްދުގައި ހުންނަށް ވައިފައި ކަނެކްޝަން ގޮތް ނޭނގޭ ފަރާތްތަކުން ސިއްރުން ބޭނުންކުރަމުންދާ ކަމަށެވެ. އެދި އެގޮތަށް ސިއްރުން ވައިފައި ކަނެކްޝަން ބޭނުން ކުރަމުންދާ ފަރާތްތަކުން ދަނީ ތަފާތު އެޕްލިކޭޝަންތަށް ބޭނުންކޮށްގެން ކަނެކްޝަންގެ ޕާސްވޯޑް ދެނެގަތުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
މީގެ އިތުރުން ނޫސްވެރިންގެ ބައްދަލުވުމުގައި މަލީހު ވިދާލުވީ، ރާއްޖޭގައި އިންޓަނެޓް ހިދުމަތް ދޭ ފަރާތްތަކުން ތިބީ އިންޓަނެޓުގެ އަގު ހެޔޮކުރަން ތައްޔާރަށް ކަމަށެވެ. އެކަން ނުކުރެވިގެން އުޅޭ ސަބަބަކަށް މަލީހު ވިދާޅުވީ ރާއްޖެ އުފެދިފައިވާ ގޮތުންނާއި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަކީ ގިނަ އަހަރު ތަކެއް ވަންދެން ގެއްލުމުގައި ވިޔަފާރި ކުރަމުންދިޔަ ކުންފުނިތަކަށް ވުމުން ކަމަށެވެ.
މަލީހު ވިދާޅުވީ ރާއްޖޭގެ އިންޓަނެޓުގެ އަގުތަކަކީ ދުނިޔެއިން ހަތް ވަނައަށް އެންމެ އަގުބޮޑު ގައުމު ކަމަށް އެ މިނިސްޓްރީން ކުރި ދިރާސާއަކުން ދައްކާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ދިރާސާ ކޮށްފައިވަނީ އެންމެ ރަނގަޅަށް އިންޓަނެޓްގެ ހިދުމަތް ފޮރުކޮށްދޭ ގައުމުތަކުގެ އިތުރުން 26 ގައުމެއްގެ އިންޓަނެޓް ޑާޓާ އަދި ޖަޒީރާ ގައުމުތަކުގެ ތަފްސީލީ ރިޕޯޓުތަކަށް ބަލައިގެން ކަމަށެވެ.