ފައިސަލް ނަސީމް

ޓެކްނޮލޮޖީ ފެއާ ނައިބު ރައީސް ލޯންޗުކޮށް ދެއްވައިފި

ރާއްޖޭގައި ބާއްވާ ޓެކްނޮލޮޖީގެ އެންމެ ބޮޑު ފެއާ ކަމަށްވާ "މޯލްޑޮވިސް އައިސީޓީ އެކްސްޕޯ އެންޑް ކޮންސިއުމާ އިލެކްޓްރޯނިކްސް ފެއާ" މިއަދު ހޮޓަލް ޖެންގައި ނައިބު ރައީސް ފައިސަލް ނަސީމް ލޯންޗް ކޮށްދެއްވައިފި އެވެ.

މި ފެއާއަކީ މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ އިން ޕްރައިވެޓް ކުންފުންޏެއް ކަމަށްވާ ލިކަމެކްއާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ އެކްސްޕޯއެކެވެ. މިއަދު ލޯންޗު ކުރި މިފެއާ ޖޫން މަސް ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ފެއާގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ލިބެންހުރި ޒަމާނީ ވަސީލާތްތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ފެއާ އިންތިޒާމު ކުރާ ލިކަމެކް އިން ވަނީ ބުނެފަ އެވެ.

ފެއާ ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެފައިވަނީ ނައިބު ރައީސް ފައިސަލްގެ އިތުރުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އަދި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމީލް، އަދި އެމނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު އެވެ.

ލިކަމެކްއިން ބުނީ ޖޫން މަހު ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފެއާގައި އިލެކްޓްރޯނިކްސް އާ ގުޅުން ހުރި ސާމާނުތަށް އަގުހެޔޮކޮށް އާއްމުނަށް ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކުންފުނީގެ އަމަޒާކީ ރާއްޖޭގެ ހުރިހާ ހިސާބުތަކުގައިވެސް ޓެކްނޮލޮޖީގެ ރޯޑް ޝޯތަށް ބޭއްވުމަށް މަސައްކަތް ކުރުން ކަމަށެވެ.

މިނިސްޓަރު މަލީހު ވިދާޅުވީ، އެ މިނިސްޓްރީގެ އަމަޒާކީ ކުރިއަށް އޮތް ތަނުގައި ޕްރައިވެޓް ކުންފުންޏަކާ ނުލާ މިނިސްޓްރީގެ ދަށުން މިފަދަ ފެއާތަކާއި އެކްސްޕޯތަށް ބޭއްވުން ކަމަށެވެ. މަލީހު ވިދާޅުވީ ރާއްޖޭގައި ޓޫރިޒަމް ސިނާއަތަށް ދޭ އިސްކަން ޓެކްނޮލޮޖީގެ ދާއިރާއަށްވެސް ދޭން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ، މިނިސްޓްރީން މިހާރުވެސް ޓެކްނޮލޮޖީ ދާއިރާ ކުރި އެރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމާއި ގުޅޭ ގަވާއިދުތަކާ ގާނޫނުތަށްވެސް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިފެއާގައި އައިޓީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަސްވެސް ބައިވެރިވާނެ ކަމަށް ލިކަމެކް އިން ވަނީ ބުނެފަ އެވެ.

ލިކަމެކް އިން އިތުރަށް ބުނީ ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ފެއާގައި ރިސޯޓްތަކަށް ހާއްސަ ކޮށްގެން ބިސްނަސް ޓު ބިސްނަސް (ބީޓުބީ) ބައްދަލުވުމެއް ޒަމާނީ ޓެކްނޮލޮޖީއާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާނެ ކަމަށެވެ. ޓެކްނޮލޮޖީ މިފެއާގައި ޓޫރިޒަމް އިންޑަސްޓްރީ އާ ގުޅުން ހުރި ޓެކްނޮލޮޖީތަކުގެ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާތީ ޓޫރީޒަމް ކުރިއެރުވުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ މަޓާޓޯ އިން ވަނީ މިފެއާ އެންޑޯސް ކޮށްފަ އެވެ.