އެޗްޑީސީ

ތިލަފުށިން ބޭރު ކުންފުނިތަކަށް ބިން ލިބޭނީ އެފްޑީއައި ހުއްދަ އޮވެގެން

Feb 19, 2023

ތިލަފުށި ދެވަނަ ފިޔަވަހިން ވިއްކާ ބިންތައް ބޭރު ކުންފުނިތަކަށް ކުއްޔަށް ނެގޭނީ އެ ވިޔަފާރިތަކަކީ ސަރުކާރުގެ ފޮރިން ޑިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި)ގެ ދަށުން ހުއްދަ އޮންނަ ވިޔަފާރިއަކަށް އެކަނި ކަމަށް އެޗްޑީސީން ބުނެފި އެވެ.

އެޗްޑީސީން މިހެން ބުނެފައި މިވަނީ ތިލަފުށިން ބޭރު ކުންފުނިތަކަށް ވެސް ކުއްޔަށް ބިން ލިބޭ ގޮތަށް ބިން ގަތުމަށް ހުޅުވާލުމާ ގުޅިގެން އާންމުންނާއި ބައެއް ސިޔާސީ ޕާޓީތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ރާއްޖޭގެ ބައެއް ބޮޑެތި ވިޔަފާރިވެރިންވެސް އެކަމުގައި ކަންބޮޑުވެވަޑައިގެން ރައީސް އިބްރާހީމް ސޯލިހާ ބައްދަލުކުރައްވާފައި ވަނިކޮށެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިލަފުށިން ދޫކުރާ ބިންތަކުގެ ބީލަމުގައި ބޭރުގެ ކުންފުނިތަކަށް ބައިވެރިވެވޭނީ އެ ކުންފުނިތަކަކީ އެފްޑީއައިގެ ދަށުން އެފަރާތުން ކުރަން ގަސްދުކުރާ ވިޔަފާރިއަށް އޮތް ހުއްދަ އޮތް އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކަށް ވެގެން ކަމަށެވެ.

"މީގެތެރޭގައި ޕްރޮޖެކްޓް ބޭސިސްގައި ކޮންސްޓްރަކްޝަން މަޝްރޫއުތައް ހިންގުމަށް ހުއްދަދެވިފައިވާ ކުންފުނިތަކަށް މިބީލަމުގައި ބައިވެރިނުވެވޭނެ އެވެ. އަދި ހަމައެކަނި މަތީގައި ދެންނެވިފައިވާ ގޮތަށް ހުއްދަ ލިބިފައިވާ ބޭރުގެ ކުންފުނިތަކަށް ބިން ކުއްޔަށް ހިފުމުގެ ފުރުސަތު ދެވޭނެ އެވެ،" ބަޔާނުގައިވެ އެވެ.

އެޗްޑީސީން އިތުރަށް ބުނީ އެފްޑީއައި ހުއްދަ އޮތްތޯ ބެލުމުގެ މަރުހަލާ ކުރިއަށް ގެންދާނީ ބީލަން ހުށަހެޅުމުން އިކޮނޮމިކް މިނިސްޓްްރީއާ ގުޅިގެން ބީލަމުގެ ޕްރޮސެސްގެ ބައެއް ގޮތުގައި ކަމަށެވެ.

ރައީސް ސޯލިހާ ބައްދަލުކުރެއްވި ވިޔަފާރިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވެފައިވަނީ ތިލަފުށި ދެވަނަ ފިޔަވަހިން 150 ހެކްޓަރުގެ ބިން ހިއްކުމަށްފަހު ވިއްކަން ނިންމާފައިވާ 50 ބިމުގެ ތެރެއިން ބައެއް ބިންތައް ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ކުއްޔަށް ދޭތީ އެވެ. އެ ބޭފުޅުން ވިދާޅުވީ އެގޮތަށް ބިން ދޫކުރާނަމަ ދިވެހި ވިޔަފާރިތަކަށް އޮތް ފުރުސަތު ވަރަށް ބޮޑަށް ހަނިވާނެ ކަމަށެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި މި ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ ފޮރިންޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ނޫނީ ތިލަފުށިން ބިން ނުވިއްކާނެ ކަމުގެ އެ ދުވަހުވެސް ދެއްވާފަ އެވެ.

ތިލަފުށިން ވިއްކަނީ 2،500 އަކަފޫޓާއި 35،000 އަކަފޫޓާއި ދެމެދުގެ ބިމެވެ. ބީލަން ހުށަހެޅޭ އެންމެ ދަށް އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ އަކަފޫޓަކަށް 1،700 ރުފިޔާ އެވެ.

ދިވެހިންނާއި ބިދޭސީންނަށްވެސް ބިން ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ދިވެހިންނަށް ބިން މިލްކުކުރެވޭއިރު ބިދޭސީންނަށް 99 އަހަރަށް ބިން ކުއްޔަށް ލިބެ އެވެ.