ކުޅިވަރު

ޕީއެސްޖީ މޮޅުވި މެޗުގައި ނޭމާ އަށް އަނިޔާވެއްޖެ

ފްރެންޗް ލީގުގައި ރޭ ޕީއެސްޖީ އިން އަމިއްލަ ދަނޑުގައި 3-4 އިން ލިލް ބަލިކުރި މެޗުގައި އެޓީމުގެ ބްރެޒިލް ތަރި ނޭމާ އަށް ނުރައްކާތެރި އަނިޔާއެއް ވެއްޖެ އެވެ.

މެޗުގެ ދެވަނަ ހާފު ކުޅުން ފެށިތާ ފަސްމިނެޓުތެރޭ އަނިޔާވުމުން ނޭމާ ވަނީ ބަދަލުކޮށްފަ އެވެ. އަނިޔާވީ ނޭމާގެ ކަނާތު ކަނާތު ހުޅަށެވެ. ނޭމާގެ އަނިޔާއާ ގުޅިގެން ޕީއެސްޖީ އިން ނެރުނު ބަޔާނުގައި ބުނީ ހެދި ސްކޭނުން ނޭމާގެ ފައިގައި ރެނދުލާފައިވާކަން ފާހަގަނުވާ ކަމަށެވެ.

ނޭމާގެ އަނިޔާގެ ތަފްސީލް އިތުރަށް އެނގޭނީ ކުރިއަށް އޮތް ދެ ދުވަހު އިތުރު ޓެސްޓްތައް ހެދުމަށް ފަހުގައި ކަމަށް ކްލަބުން ވަނީ ބުނެފަ އެވެ. ޕީއެސްޖީ އިން ބުނީ ނޭމާގެ ލިގަމެންޓަށް އަނިޔާލިބިފައިވާ ވަރު ދެނެގަންނަން އިތުރަށް ބަލާނެ ކަމަށެވެ.

ޕީއެސްޖީ ކޮޅަށް ލިލްގެ ގޯލުތައް ރޭ ޖެހީ ބެފޯޑް ޑިއަކީޓޭ އާއި ޖޮނަތަން ޑޭވިޑްގެ އިތުރުން ޖޮނަތަން ބަމްބާ އެވެ. މީއެސްޖީގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ކިލިއަން އެމްބާޕޭ ޖެހިއިރު ދެން ގޯލު ޖެހީ ނޭމާ އާއި ލިއޮނެލް މެސީ އެވެ. މެޗުން ޕީއެސްޖީ މޮޅުވި ގޯލު އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި، ލިބުނު ހިލޭ ޖެހުމަކުން ޖެހީ މެސީ އެވެ.

މޮޅާ އެކު ޕީއެސްޖީ އެއްވަނައިގައި އޮތީ 57 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި އޮތް މާސޭ ވަނީ ރޭ ރަށުން ބޭރުގައި ޓުލޫސް 3-2 އިން ބަލިކޮށްފަ އެވެ. އެޓީމަށް މިހާރު ވަނީ 52 ޕޮއިންޓް ލިބިފަ އެވެ.

ނޭމާ އަށް އަނިޔާވިއިރު ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެޓީމު އަންނަ މަހު ބަޔާން މިއުނިކާ ދެކޮޅަށް ދެވަނަ ލެގްގައި ނުކުންނާނެ އެވެ. ފުރަތަމަ ލެގްގައި އަމިއްލަ ދަނޑުގައި 1-0 އިން ބަލިވުމާ އެކު އެ މެޗަށް ނޭމާ ފިޓްކޮށް ހުރުން އެޓީމަށް މުހިއްމު ވާނެ އެވެ.