ރައްޔިތުންގެ މަޖިލިސް

ޕާޓީގެ ސިޔާސަތުތަކާ އެއްގޮތަށް ސަރުކާރުގެ ސިޔާސަތު ބަދަލުކުރަން ގޮވާލައިފި

އެމްޑީޕީގެ ސިޔާސަތުތަކާ އެއްގޮތަށް ސަރުކާރުގެ ސިޔާސަތުތައް އަނބުރާލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މި ގަރާރުގެ ފުރަތަމަ ކިޔުމެވެ.

ގަރާރުގައި ބުނެފައިވަނީ އެމްޑީޕީން 2008، 2013 އަދި 2018 ވަނަ އަހަރު އެކުލަވާލައި އާންމުކުރި ސިޔާސަތުތަކާއި ގާނޫނު ހަދާ މަޖިލީހުގެ ގާނޫނީ އިސްލާހީ އެޖެންޑާތަކާއި ރައީސުލްޖުމްހޫރިއްޔާ ކެމްޕޭންގައި ބޭނުން ކުރައްވަމުން އައި ޕާޓީގެ މެނިފެސްޓޯގައިވާ މައިގަނޑު ގިނަ ސިޔާސަތުތަކާއި ޕާޓީގެ ވިސްނުންތަކާ އިދިކޮޅަށް ސަރުކާރުގެ ސިޔާސަތުތައް ގެންގުޅޭ ކަމަށެވެ.

އޭގެ ސަބަބުން އެމްޑީޕީގެ މެންބަރުންނާއި ރާއްޖޭގެ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުން ހުރި ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.

ބޯހިޔާވަހިކަމުގެ ވައުދާއި ފުދުންތެރިކަމާއި އާމްދަނީ މަތިކުރުމަށް އެމްޑީޕީން ވީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މަސްވެރިކަމާބެހޭ ވައުދުތަކާއި، ފަތުރުވެރިކަމާއި ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމުގެ ވައުދުތަކާއި ރައްޔިތުންގެ އުފެއްދުންތެރިކަމާއި އާމްދަނީ މަތިކުރުމުގެ ވައުދުތަކާއި ސަރުކާރުގެ ވިޔަފާރި ކުޑަކޮށް އަމިއްލަ ވިޔަފާރިތައް ފުޅާ ކުރުމަށް ޕާޓީން އެކަށައަޅާފައިވާ ސިޔާސަތުތަކާ އެއްގޮތަށް ސަރުކާރުގެ ސިޔާސަތު އަނބުރާލުމަށް މި ގަރާރުގައި ވަނީ ގޮވާލާފަ އެވެ.