ރައްޔިތުންގެ މަޖިލިސް

މާރިޔާއަށް ފިޅަވަޅު އަޅަން ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ދިފާއީ ވަޒީރުގެ މަގާމުގައި ހުންނަވައި ޕީޕީއެމްގެ ހުޅުމާލެ ގޮފީގެ ރައީސް އަބްދުއްސަމަދު އިންޑިއާގައި އުފުލި ތަކުލީފަށް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ މަލާމާތްކޮށް ޖޯކު ޖެއްސެވި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވައިލައި، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެން މުހައްމަދު ލަތީފް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އަށް މެމްބަރުންނެވެ. ނުފެންނަ ކަމަށް 31 މެންބަރުން ވޯޓު ދެއްވި އެވެ.

ހުސެން ހުށަހެޅުއްވި މައްސަލައިގައި ވަނީ ދިވެއްސަކު ބޭރު ގައުމެއްގައި އުފުލި ތަކުލީފަށް މިނިސްޓަރު މާރިޔާ ޖޯކުޖައްސަވާފައިވާ ހިނދު، އަބްދުއްސަމަދަކީ ދިވެހި ސަލާމަތީ ހިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާ ޝަރަފުވެރިކަމާއިއެކު ރިޓަޔާ ކުރައްވާފައިވާ ބޭފުޅެއްކަމަށާއި އެފަދަ ދިވެހި ދަރިޔަކާ މެދު ޑިފެންސް މިނިސްޓަރު ގެންގުޅުއްވި ދަށު ދަރަޖައިގެ ބަސްމަގު ބަލައިނުގަނެވޭކަމަށެވެ.

މިގޮތުން ދިވެހި ސިފައިންނާއި ފުލުހުންނަކީ މި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ލޮޅުންއަރާ ކޮންމެ ވަގުތެއްގައި ވެސް މި ގައުމު ސަލާމަތްކުރުމަށް ކަމަރު ބަނދެގެން ތިބެ، އެންމެ ފުރަތަމަ އެކަމާއި ކުރިމަތިލާން ތައްޔާރަށް ތިބި ބަޔަކަށްވީއިރު، އެއްވެސް އިރެއްގައި ސިފައިން ނުވަތަ ފުލުހުންގެ ތެރޭގައި އިހުލާސްތެރި ހިދުމަތެއް ކޮށްދެއްވާފައިވާ ބޭފުޅަކު މި ގައުމަށް ހަރާމްކޯރު ނުވާނެކަމަށް ވެސް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

މި މައްސަލައިގައި ވަނީ މިނިސްޓަރު މާރިޔާއަކީ މީގެ ކުރިންވެސް ދިވެހި ފުލުހުންނާއި ސިފައިންނަކީ ފިނދަނަތަކެއް ކަމަށް ސިފަކުރައްވައި ޖޯކުޖައްސަވައި އާންމު ގޮތެއްގައި ސިފައިންނާއި ފުލުހުންނަށް ބަދުބަސް ވިދާޅުވެފައިވާ ބޭފުޅަކަށްވާތީ މިފަދަ ބޭފުޅަކު މި މަގާމުގައި ހުންނެވުމަކީ މި ސަރުކާރުން ސިފައިންނާއި ފުލުހުންގެ އަގުވަޒަން ނުކުރާ މިންވަރު ހާމަވާކަމެއްކަމަށާއި ވަކި ގައުމެއް ރުއްސުމަށްޓަކައި ސަރުކާރުގެ އެކި ފަންތީގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެ ގައުމަށް ސަނާ ކިޔައި ދިވެހި ރައްޔިތުން ނިކަމެތި ކުރަމުންދާ ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

އަދި މި މައްސަލައިގައި ވަނީ އަބްދުއްސަމަދަށް މަލާމާތްކޮށް ޖޯކު ޖައްސަވައި މިނިސްޓަރު މާރިޔާ ދެއްކެވި ވާހަކަތަކަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މައާފަށް އެދުމަށް ގޮވާލައި، އެފަދަ މަގާމެއްގައި ހުންނަވައި ދެއްކި ވާހަކަތަކާއި ގުޅިގެން އެކަމަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ވެސް ގޮވާލައިފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސަމަދަށް ޖޯކް ޖައްސަވަމުން މާރިޔާ ވިދާޅުވީ ސަމަދު އިންޑިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ބޭންދީ ފިނިކޮޓަރިއެއްގައި ކަމަށެވެ. ނަމަވެސް ރާއްޖެ އައި ގޮތަށް ސަމަދު ކީރިތި ކުރެއްވި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ތަމްރީންވާ ފުލުހުންނާއި ސިފައިން އިމިގްރޭޝަންގެ ފިނި ކޮޓަރިއެއްގައި އިނދެފައި އައިސް ރޮއި ނުގަންނާނެ ކަމަށެވެ. މާރިޔާ މިހެން ވިދާޅުވީ ސަމަދަކީ ކުރިން ވަރަށް ގިނަ އަހަރުތަކެއް ވަންދެން ފުލުހުންގެ އިދާރާގައި މަސައްކަތް ކުރެއްވި ބޭފުޅަކަށް ވާތީ އެކަމަށް އިޝާރާތް ކުރެއްވުމުގެ ގޮތުން ކަމަށް ބެލެވެ އެވެ.

މީގެ އިތިރުން މާރިޔާ ވިދާޅުވީ ރައީސް ސޯލިހްގެ ދިފާއީ ސިޔާސަތަކީ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ކަންތައްތައް ކުރެއްވުން ކަމަށާއި އެފަދަ "ފިޑިން" އަޅުގަނޑުމެންގެ ތެރޭގައި ނުފެންނާނެ ގޮތަށް ގައުމު ބައްޓަން ކުރުން ކަމަށެވެ.