ދުނިޔެ

ބައިޑަން ޔުކްރޭނަށް ވަޑައިގަތީ ރަޝިއާއަށް އެންގުމަށްފަހު: ވައިޓް ހައުސް

އެމެރިކާގެ ރައީސް ޖޯ ބައިޑަން ހޯމަދުވަހުގެ ވަގުތެއްގައި ވަރަށް ކުއްލި ގޮތަކަށް ޔުކްރޭންގެ ވެރިރަށް ކީޔެވްއަށް ވަޑައިގެން އެ ގައުމުގެ ރައީސް ވޮލޮދިމީރު ޒެލެންސްކީއާ ބައްދަލުކުރއްވައިފި އެވެ.

ބައިޑަން ވިދާޅުވި ގޮތުގައި ކީޔެވްއަށް ވަޑައިގަތީ ޔުކްރޭނަށް ދެއްވާ އަހަންމިއްޔަތެއްގެ ބޮޑުކަމުންނެވެ.

މިއީ ޔުކްރޭން ހަނގުރާމަ ފެށި ފަހުން އެމެރިކާގެ ރައީސަކު ކީޔެވްއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ބައިޑަންގެ ދަތުރާ ބެހޭ ގޮތުން ވައިޓް ހައުސްއިން ބުނީ، ޔުކްރޭނަށް ބައިޑަން ވަޑައިގަންނަވާކަން ދުރާލައި ރަޝިއާއަށް އެންގި ކަމަށެވެ. އެއީ ފްލައިޓްގެ ރައްކާތެރިކަމަށްޓަކައި -- އެކްސިޑެންޓަކުން ނުވަތަ އޮޅިގެން ދެވިދާނެ ހަމަލާއަކުން ރައްކާތެރިކުރުމަށްޓަކައި -- ކަމަށްވެސް ވައިޓް ހައުސްއިން ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް ބައިޑަން ކީޔެވްއަށް ވަޑައިގަތީ ދަތުރު ރޭވި އޮފިޝަލުން ފިޔަވައި އެހެން އެއްވެސް ބަޔަކަށް އެނގުމެއް ނެތި ކަމަށް ދުނިޔޭގެ މަޝްހޫރު މީޑިއާތަކުން ވަނީ ބުނެ ސަޅިކަނޑާފަ އެވެ.

މި ދަތުރުގައި ބައިޑަން ވަނީ ޔުކްރޭނަށް ބާރުގަދަ ހަތިޔާރު ފޯރުކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ. އަދި ރަޝިއާއަށް އިހުނަށް ވުރެ ހަރުކަށި ފިޔަވަޅުތައް އަޅުއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ބައިޑަން ޔުކްރޭނަށް ވަޑައިގަތުމާ އެކު ޒެލެންސްކީ ވެސް ޓެލެގްރާމަށް ނުކުމެ ވަޑައިގެން -- ބައިޑަން އެ ގައުމުގައި ހުންނެވިކަން އިއުލާންކުރެއްވި އެވެ. އަދި މިކަމުން ދާހަވަނީ އެމެރިކާއިން ހިފެހެއްޓުމެއް ނެތި ޔުކްރޭނަށް އެއްބާރުލުން ދެމުން ގެންދާކަން ކަމަށް ވިދާޅުވެފަ އެވެ.

ބައިޑަން ޔުކްރޭނަށް ވަޑައިގަތުމުން އެ ގައުމުގެ ވެރިންނަށާއި ސިފައިންނަށް އަދި އާންމުންނަށް އިތުރު ހިތްވަރެއް ލިބި އުފާވި ނަމަވެސް މިއީ ހަނގުރާމަ ހުއްޓުަމަށް -- އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން -- ބައިޑަން ކުރެއްވި ދަތުރެއް ނޫނެވެ.

މި ދަތުރުގެ ސަބަބުން ވެސް ރަޝިއާއިން ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތައް ވާނީ ވަރުގަދަ އެވެ.