ދުނިޔެ

އުމާންގެ ސުލްތާން ބައްޝާރުލް އަސަދާ ބައްދަލު ކުރައްވައިފި

ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު އުމާނަށް ވަޑައިގެން ވެރިރަށް މުސްގަތުގައި ސުލްތާން ހައިސަމް ބިން ތާރިގްއާ ބައްދަލުކުރައްވައިފި އެވެ.

މިއީ ސޫރިޔާގައި ދާޚިލީ ހަނގުރާމަ 2011 ގައި ފެށިފަހުން ބައްޝާރުލް އަސަދު އުމާނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މި ހަނގުރާމައާ ގުޅިގެން ގައުމު ދޫކުރައްވައި ދަތުރުކުރެއްވުން އަސަދަށް ރައްކާތެރި ކަމަކަށްވެސް އޮންނަނީ ނުފެވެފަ އެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ސޫރިޔާއާ ގުޅުން ކަނޑާލި އެވެ. މީގެތެރޭގައި އަރަބި ގައުމުތައް ވެސް ހިމެނެ އެވެ. އެހެން ނަމަވެސް އުމާން ދަމަހައްޓާފައި އޮތީ ހަމަހަމަ ސިޔާސަތެކެވެ. މިގޮތުން ހަނގުރާމަ ހުއްޓާލުމަށް ސޫރިޔާއަށް ޕްރެޝަރުކުރި ނަމަވެސް، ގުޅުން ކަނޑާލާފައެއް ނުވެ އެވެ.

އަސަދާ ބައްދަލުކުރައްވައި ސުލްތާން ހައިސަމް އޯގާތެރި ބަސްތައް ރައްދުކުރެއްވި އެވެ. ގައުމުގެ ހާލަތާއި ސަރަހައްދުގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ. އަދި ވަކިން ޚާއްސަކޮށް މިމަހު ހަވަނަ ދުވަހު ތުރުކީ އަށާއި ސޫރިޔާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ލިބުނު ގެއްލުންތައް ހިސާބުޖެއްސެވި އެވެ.

މި ބިންހެލުމުގައި ތުރުކީ އާއި ސޫރިއާއިން 45،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ސޫރިޔާއަށް މެދުވެރިވެރިވެފައި އޮތް މި ނާޒުކު ދަނޑިވަޅުގައި އަސަދު ގައުމުން ބޭރަށް ވަޑައިގެން ބިންހެލުމުގައި އެ ގައުމަށް ލިބުނު ގެއްލުންތަކަށް އެހީ ހޯއްދެވުމަށް ސުލްތާންއަށް ދެންނެވި އެވެ.

ސޫރިޔާއަށް އެހީ ފޯރުކޮށްދިނުމަށް އަރަބި ގައުމުތަކުންވެސް މިހާރު ވަނީ މަސައްކަތް ފަށާފަ އެވެ. އަދި އަސަދުގެ ސަރުކާރާ އެކު މަޝްވަރާކުރުމަށް ވެސް ގަލްފު ގައުމުތަކުގެ އޮފިޝަލުން ވަނީ ނިންމާފަ އެވެ.

ސޫރިޔާއަށް އިންސާނީ އެހީތެރިކަށް ފޯރުކޮށްދިނުމަށް ކޮންމެވެސް ބަޔަކު އެ ގައުމުގެ ސަރުކާރާ -- ރައީސް ބައްޝާރުލް އަސަދުއާ ވާހަކަދައްކަން ޖެހޭ ކަމަށްވެސް، ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރު (ކޭއެސްރިލީފް)ގެ ސުޕަވައިޒާ ޖެނެރަލް އަބްދުﷲ އައްރާބިއާވެސް ވަނީ ވިދާޅުވެފަ އެވެ.