ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ މަޝްރޫއުުތަކާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށްޓަކައި "ގެދޮރުވެރިންގެ ކޮމިޓީ"ގެ ނަމުގައި ޕްލޭނިން މިނިސްޓްރީން ކޮމިޓީއެއް އެކުލަވާލައިފި އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ މި ކޮމިޓީއަކީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް، ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި އުފައްދާފައިވާ ކޮމިޓީއެއް ކަމަށެވެ.
"ގެދޮރުވެރިންގެ ކޮމިޓީ"ގައި ހިމެނިވަޑައިގަންނަވަނީ ފަސް މެންބަރުންނެވެ.
ކޮމެޓީގައި ތިއްބަވާ މެމްބަރުން
- އަކްރަމް ކަމާލުއްދީން، މއ. އެވަރެސްޓް (ޗެއާޕާސަން)
- އަނަސް އަބްދުއްސައްތާރު، މ. ބަޑިކުޅިމާގެ (ކޯޗެއާޕާސަން)
- މަރިޔަމް ނާޒިމާ، މއ. އެރިޒޯނާ
- އައިޝަތު ރަޝީދާ، ހ. ރެޖީނާ ހައުސް
- މުހައްމަދު އާރިފް، ހއ. އިހަވަންދޫ ނެދުންގެ
މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން މައުލޫމާތުދެ އެވެ.
މާލެއިން މިހާރު ދޭން ނިންމާފައިވަނީ 5،000 ގޯއްޗެވެ. ނަމަވެސް މިއަހަރަށް މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ މާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އިތުރުން އިތުރު ގޯތި ދޫކުރާނެ ކަމަށް އިއުލާންކުރައްވާފަ އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް ދޭކުން 1،000 ގޯތި ދޫކުރުމަށް ވަނީ ނިންމާފަ އެވެ. ގޯތި ދޫކުރާ ސަރަހައްދުގެ ބިން ސާފުކޮށް، އެއްވަރުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ފަށާފަ އެވެ.
މި ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހުންގެ ފޯމްތައް އިވެލުއޭޓްކޮށް ނިމުމުގެ ކުރިން ގޯތި ދޭ ބިންތައް ސާފުކޮށް އިންޖަހާ ނިންމާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.