އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭ ފޯ ނޭޝަންސް ވޮލީބޯލް މުބާރާތް މިއަދު މާލޭގައި ފަށާނެ އެވެ.
މިއަދުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފޯ ނޭޝަންސް މުބާރާތް ކުޅޭނީ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގަ އެވެ. މިއީ 2017 ވަނަ އަހަރުގެ ފަހުން ރާއްޖޭގައި އިންޑޯ ވޮލީގެ ބައިނަލްއަގްވާމީ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ވާދަކުރަނީ ރާއްޖެ އާއި މެލޭޝިއާގެ އިތުރުން އަފްގާނިސްތާން އަދި ސިންގަޕޫރެވެ. އަންހެން ޑިވިޝަނުގައި ވާދަކުރަނީ ރާއްޖެ އާއި މެލޭޝިއާ އަދި ސިންގަޕޫރެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު މެންދުރު ފަހު 14:30 ގައި ވާދަކުރާނީ އަފްގާނިސްތާނާއި ސިންގަޕޫރެވެ. މިއީ ފިރިހެން ޑިވިޝަނުގެ މެޗެކެވެ. އޭގެފަހުން ރާއްޖޭގެ އަންހެން ވޮލީ ޓީމު މިއަދު ހަވީރު 16:30 ގައި މެލޭޝިއާއާ ދެކޮޅަށް ނުކުންނާނެ އެވެ. ރާއްޖޭގެ ފިރިހެން ވޮލީ ޓީމު ކުޅޭ ފުރަތަމަ މެޗުގައި މިރޭ 8:30 ގައި ވާދަކުރާނީ މެލޭޝިއާއާ އެވެ.
ފިރިހެން ޓީމުގެ ދެވަނަ މެޗު އޮންނާނީ ހުކުރު ދުވަހުގެ ރޭ 8:30 ގައި ސިންގަޕޫރާ ދެކޮޅަށެވެ. ލީގު ބުރުގެ ފަހު މެޗުގައި ފިރިހެން ޓީމު އަފްގާނިސްތާނާ ދެކޮޅަށް ނުކުންނާނީ އަންނަ އާދީއްތަ ދުވަހުގެ ރެ އެވެ.
ފިރިހެން ޑިވިޝަނުގެ ލީގު ބުރުން އެއްވަނަ ހޯދާ ޓީމު ސެމީ ފައިނަލުގައި ނުކުންނާނީ ހަތަރު ވަނަ ޓީމާ ދެކޮޅަށެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ލީގު ބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަކަށެވެ.
އަންހެން ޑިވިޝަނުގެ ލީގު ބުރުގެ އެއްވަނަ ހޯދާ ޓީމަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ދެވަނަ ޖާގަ ލިބޭނީ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ކުޅޭ ސެމީ މެޗުންނެވެ.
މުބާރާތުގެ ކުރިން ގައުމީ ފިރިހެން ޓީމުގެ ކޯޗު ބްރެޒިލްގެ ސާޖިއޯ ވެލޯސޯ ބުނީ މިދިޔަ އަހަރު މުހިއްމު ބައެއް ކެންސަލްވި ނަމަވެސް ޓީމުން ދިޔައީ ބުރަކޮށް މަސައްކަތް ކުރަމުން ކަމަށާއި، ފޯ ނޭޝަންސް ކަޕްގައި ދިވެހި ފިރިހެން ޓީމަށް ކާމިޔާބު ހޯދޭ ވަރަށް ޓީމު ދަސްވެއްޖެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗު އިބްރާހީމް ނިޒާރު (ބޮޑޭ) ބުނީ މެޑަލް ނޫން އެހެން އެއްވެސް އެއްޗެއް އަންހެން ޓީމުން ބޭނުންނުވާކަމަށެވެ. ވަރުގަދަ ޓީމުތަކާ ދެކޮޅަށް ނުކުންނައިރު މުބާރާތް ކާމިޔާބު ކުރުމަށް ވަރަށް ގިނަ މަސައްކަތް ކުރަންޖެހޭކަން ނިޒާރު ފާހަގަކުރި އެވެ.
މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ. މިގޮތުން މުބާރާތުގެ ފޯރި ގަދަކުރުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ބިލްބޯޑު ޖަހައި ސަޕޯޓަރުންގެ ޖާޒީ މިހާރު ވަނީ ވިއްކަން ފަށައިފަ އެވެ. ސަޕޯޓަރުންގެ ޖާޒީ ވިއްކަކީ ވެލާނާ ބިލްޑިންގެ ތިރިންނާއި ސޯޝަލް ސެންޓަރުގަ އެވެ.