ބޮޑުތަކުރުފާނު މަގު

ބޮޑުތަކުރުފާނު މަގު މަރާމާތު ކުރާނެ ބަޔަކު ހޯދަނީ

ބޮޑުތަކުރުފާނު މަގުގައި އަޅާފައިވާ ތާރުގަނޑު ހަލާކުވެފައިވާތީ ބޮޑުތަކުރުފާނު މަގު މަރާމާތު ކުރާނެ ބަޔަކު ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއުލާން ކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ ބޮޑުތަކުރުފާނު މަގު މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް މި މަސައްކަތައް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ ޓެކްނިކަލް ޓީމުން ބޮޑުތަކުރުފާނު މަގުގެ ސާވޭއެއް ހަދާފައިވާ ކަމަށާއި މި މަސައްކަތް ކުރަން ޝައުގުވެރިކަން ފާޅު ކުރާ ފަރާތްތަކަށް އެ މައުލޫމާތުތައް ހިއްސާ ކުރާނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.

ބޭރު މަގު މަރާމާތު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފު ކުރުމަށާއި އަގު ހުށަހެޅުމުގެ ކަންކަން ކުރިއަށްދާނީ މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނުންނެވެ.

މައުލޫމާތު ސާފު ކުރުން އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ މެންދުރު 12:00 ގަ އެވެ. އަގު ހުށަހެޅުން އޮންނާނީ އަންނަ މަހުގެ އަށްވަނަ ދުވަހުގެ 11:00 ގަ އެވެ.