މާލޭ ސިޓީ ކައުންސިލް

މާލޭގެ ދެ މަަގެއް ފިޔަވައި ހުރިހާ މަގެއްގައި ތާރު އަޅަނީ

ވެރިރަށް މާލޭގެ ދެ މަގެއް ފިޔަވައި ހުރިހާ މަގުތަކެއްގައި ތާރު އަޅަން ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރޭ ވިދާޅުވީ މާލޭގެ މަގުތަކުގައި ފެން ބޮޑުވާ މައްސަލަ އާއި އެނޫން ވެސް މަގުތަކުގައި ހުރި މަސައްކަތްތައް ހައްލު ކުރަން ބޭރުގެ ކޮންސަލްޓަންޓެއް މި މަހުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ އެ މައްސަލަތައް ދެނެގަނެ މަގުތައް އަލުން ތަރައްގީ ކުރާނީ މާލޭގެ ދެ މަގެއް ފިޔަވައި ހުރިހާ މަގެއްގައި ތާރު އަޅައިގެން ކަމަށެވެ.

މާލޭގައި މިހާރު ތާރު އަޅާފައިވަނީ މާލޭގެ ރިންގް ރޯޑުގެ ގޮތުގައި ވަށައިގެން އޮތް ބޮޑުތަކުރުފާނު މަގާއި މާލޭގެ ހުޅަނގު ދެކުނު ކޮޅުން ރައިވެރިބޭ ކޮއްތު ވެންޏާ ޖެހިގެން އޮންނަ އިއްޒުއްދީން މަގުގަ އެވެ.

މާލޭގެ ހުރިހާ މަގުތަކެއްގައިހެން ތާރު އަޅަން ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނި އިރު ތާރު ނާޅާނެ ދެ މަގެއް ވިދާޅެއް ނުވެ އެވެ.

މާލެ މަގުތަކުގައި ތާރު އެޅުމުގެ އިތުރުން މަގުތަކުގައި މިހާރު އަޅާފައި ހުރި ޑީ ވޯޓަރިންގް ހޮޅިތައް ނެގުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. -- ޑީ ވޯޓަރިން ނިޒާމަކީ ކޮންސްޓްރަކްޝަން ސައިޓުތަކުން ފެން ހިނދުމަށް ބޭނުން ކުރާ ނިޒާމެކެވެ. މާލޭގައި މިހާރު ޑީވޯޓަރިން ކުރަނީ މަގުތައް މަތިން ހޮޅިއަޅައިގެނެވެ.

ޝަމާއު ވިދާޅުވި ގޮތުގައި ރަނގަޅަށް މަސައްކަތް ގެންދެވޭނަމަ މަހެއްހާ ދުވަސްތެރޭގައި ހޮޅިތައް ނަގޭ ނިމެނޭ ކަމަށެވެ.

"މިހާރު ވެސް ވަރަށް ގިނަ ހޮޅިތަކެއް އަޅުގަނޑުމެން ވާނީ ނަގާފައި. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޮޅިތައް ވަރަށް ބޮޑަށް މަދުވެގެން ދާނެ. އަދި ޕްލޭނިންގް ގަވާއިދުގެ ތެރެއިން ހޮޅިތައް ނުނަގާ މީހުންނަށް ފިޔަވަޅުވެސް އަޅާނެ" ޝަމާއު ވިދާޅުވި އެވެ.

އިމާރާތް ކުރުމުގެ މަސައްކަތަށް މަގުތަކުގައި އަޅާފައި ހުރި ހޮޅިތައް ގިނަވެ މީހުންނަށް އުނދަގޫވާ ކަމުގެ ޝަކުވާ އަބަދުވެސް ކުރެ އެވެ.

ޝަމާއު މިހެން ވިދާޅުވި އިރު މާލޭ ޑީ ވޯޓަރިން ނިޒާމް ބިމު އަޑިން ގުޅައިލުމުގެ ޕްރޮޖެކްޓެއް މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮންޕެނީ (އެމްޑަބްލިއުއެސްސީ) އަށް ސެޕްޓެމްބަރު 4، 2016 ގައި ސރުކާރުން ހަވާލުކޮށްފައި ވެއެވެ.